އާ އަހަރު ޗުއްޓީ އާ އެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއްވެސް މިވަނީ އެ މީހުންގެ ޗުއްޓީއަށް ދަތުރު ފަށާފަ އެވެ. ގިނަ ތަރިންގެ މަންޒިލަކަށް ރާއްޖެވެސް ވި އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް އާއި ޑިޝާ ޕަޓަނީވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ ލިސްޓަށް އިތުުރުވެފައިވާ އާ ތަރި އަކީ ވަރުން ދަވަން އެވެ. ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު ޒުވާން އެއް މޫނަކީ ވަރުން ދަވަން އެވެ. ވަރުން އަށް ހިތް ކިޔައިގެން ވަރުން ފޮލޯ ކުރާ ދިވެހި އަންހެން ކުދިންވެސް ވަރަށް ގިނަ އެވެ. ވަރުން ރާއްޖެ އައި ދުވަހެއް ނޭނގެ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ޑަބްލިއު މޯލްޑިވްސްގަ އެވެ.
ވަރުން ވަނީ ރާއްޖޭގައި އޭނާ ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމް ކޮށްފަ އެވެ. ނަމަވެސް އޭނާ ހުރި ތަން ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ޗުއްޓީ ހޭދަކުރާ ރިސޯޓް އެނގެނީ، އޭނާއާއެކު ސެލްފީއެއް ނެގުމަށްފަހު އިންޑިއާ މީހަކު އިންސްޓަގްރާމްކުރި ފޮޓޯއެއްގައި ތަނުގެ ލޮކޭޝަން ދީފައިވާތީ އެވެ.
ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ދެން އެންމެ އަވަހަށް އޭނާ ކުޅެން ހަމަޖެހިފައިވަނީ ޔާޝް ރާޖް ފިލްމްސްއިން އުފައްދާ "ސުއި ދާގާ" ކިޔާ ފިލްމެކެވެ. ބަތަލާ އަނުޝްކާ ޝަރްމާ އެކު ވަރުން ފެނިގެންދާ މި ފިލްމަށް ތައްޔާރުވުމުގެ އޭނާ މިހާރު ވަނީ ފަށާފަ އެވެ.
"ދަމްލަގާކޭ ހައިޝާ"ގެ ޑައިރެކްޓަރު ޝަރަތް ކަތާރިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަނީ ފަހަން ދަސްކުރަން ފަށާފަ އެވެ.
ފަހާފޮއްޓެއްގެ ކައިރީގައި ފަހަން ދަސްކުރަން ވަރުން ހުއްޓައި ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ ޓްވީޓްކޮށްފަ އެވެ.
ންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ މޭޑް އިން އިންޑިއާގެ މެސެޖު ވަރަށް ފުރިހަމަ އަށް އޯޑިއަންސަށް ގެންދެވޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ ކޮންމެ އިންޑިއާ ރައްޔިތެއްގެ ހިތާ ކުޅެލާނެ ފިލްމެއް ކަމަށް ފިލްމުގެ ތަރިން ވަނީ ފިލްމު އިއުލާންކުރަމުން ބުނެފަ އެވެ.
"ސުއި ދާގާ" އަކީ ވަރުން ކުޅޭ ޔާޝް ރާޖްސްއިން އުފައްދާ ފުރަތަމަ ފިލްމެވެ. އަދި މިއީ އަނުޝްކާ އާއި ވަރުން ވެސް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
ވަރުންގެ ކެރިއަރުގައި މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ނިކުތް ދެ ފިލްމު، "ބަދްރިނާތްކީ ދުލްހަނިޔާ" އާއި "ޖުޅްވާ 2" އަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.