ކުޅިވަރު

ސެވިއްޔާއާ ހަވާލުވީ މޮންޓެލާ

Jan 2, 2018

މި ސީޒަންގައި އޭސީ މިލާންއަށް ކޯޗް ކޮށްދިން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ، ސެވިއްޔާގެ ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.

ސެވިއްޔާއިން، މި ސީޒަން ފެށީ، އާޖެންޓީނާގެ އެޑްއާޑޯ ބެރިއްސޯއާ އެކު އެވެ. ނަމަވެސް ނަތީޖާ ދަށް ވުމުން ކަމަށް ބުނެ، އޭނާ ކޯޗް ކަމުން ވަކި ކުރީ އެވެ. ބެރިއްސޯގެ ބަދަލުގައި ކޯޗަކަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ، މަލަގާ އާއި ރަޝިއާގެ ރުބިން ކާޒަން އަށް ކުރި ކޯޗް ކޮށްދިން ސްޕެއިންގެ ހާވީ ގާސިއާ އެވެ.

ސެވިއްޔާއިން ވަނީ މީގެ ކުރިންވެސް ގާސިއާ އެ ޓީމުގެ ކޯޗް ކަަމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެއީ، އެ ޓީމުގެ ކުރީގެ ކޯޗް، ޕީއެސްޖީގެ މިހާރުގެ ކޯޗް އުނައި އެމްރީ ޕީއެސްޖީއާ ހަވާލު ވުމުން، އޭނާގެ ބަދަލުގަ އެވެ. ނަމަވެސް ސެވިއްޔާއިން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، ހޯޖޭ ސަމްޕައޮލީ އެވެ. އޭނާ އާޖެންޓީނާގެ ކޯޗް ކަމާ ހަވަލުވުމުން، ކޯޗަކަށް ހަމަޖެއްސީ ބެރިއްސޯ އެވެ.

މިލާންގެ ކޯޗް ކަމުން، މޮންޓެލާ ވަކި ކުރީ، ނޮވެމްބަރު މަހު އެވެ. އެއްމަސް ތެރޭގައި އޭނާ މިވަނީ އަލުން ކޯޗިންގެ ވަޒީފާ އަށް ނިކުމެފަ އެވެ. ސްޕެއިންގެ ފުޓްބޯޅަ އާއި އިޓަލީގެ ފުޓްބޯޅައިގެ ސްޓައިލް މުޅިން ތަފާތެވެ. ސްޕެއިންގެ މީޑިއާތަކުން ސިފަ ކުރާ ގޮތުގައި މޮންޓެލާ އަކީ އިޓަލީގެ ކޯޗުންގެ ތެރެއިން ސްޕެއިންގެ ފުޓްބޯޅައާ އެންމެ ވައްތަރު ސްޓައިލަށް ކުޅުވާ ކޯޗެވެ. މޮންޓެލާ އޭނާގެ ކޯޗިން ސްޓައިލް ބިނާ ކޮށްފައި ވަނީ ޕޮސެޝަން ގޭމް އަށެވެ.

ސެވިއްޔާ، އޮތީ ލީގްގެ ފަސް ވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ މެންޗެސްޓާ ޔުނައިޓަޑް އާ ދެކޮޅަށެވެ.

"ސެވިއްޔާ އިން ޖެހޭނީ އާ ރޫހެއްގައި އަދި ޕެޝަންއާއެކު ކުޅެން،" ޓީމާ ހަވާލުވެ ފުރަތަމަ ދިން އިންޓަވިއުގައި މޮންޓެލާ ބުންޏެވެ. "މިދިޔަ ސީޒަންގައި މި ކުލަބުގެ މެޗުތައް އަހަރެން ބެލިން އަދި މި ސީޒަންގައިވެސް ބައެއް މެޗުތައް އަހަރެން ބެލިން، ކުރިއަށް ހުރި މެޗުތައް ބަލާފަ އަހަރެން ބަލާނަން ކިހިނެއްތޯ އަހަރެމެން ކުރިއެރުން ހޯދާނީ."

މޮންޓެލާއަށް އޮތް އެންމެ ކަންބޮޑު ވުމަކީ، ސެވިއްޔާގެ މިޑްފީލްޑާ ފްރާންސް ސްޓީވަން ޒޯންޒީ ޓީމު ދޫކޮށްލަން އުޅޭ ވާހަކަތައް ގަދަ ވެފައި ވުމެވެ. އިނގިރޭސިވިލާތުގެ އެވަޓަންއިން ވަނީ އޭނާ ގެންދަން މަސައްކަތް ފަށާފަ އެވެ. މޮންޓެލާ ބުނީ، ޒޯންޒީ ޓީމުގައި މަޑު ކުރުވުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޒޯންޒީއާ އެވާހަކަ ދައްކާނެ ކަމަށް މޮންޓެލާ ބުންޏެވެ.

މޮންޓެލާގެ ކޯޗް ކަމުގެ ދަށުން އިއްުޔަ ގެންދިޔަ ފުރަތަމަ ފަރިތަކުންތަކަށް ޒޯންޒީ ވަނީ ނިކުމެފަ އެވެ. ފުރަތަމަ ފަރިތަ ކުރުންތައް އޭނާ ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ކޮޅަކަށް 11 ކުޅުންތެރިންނެވެ. ފުރަތަމަ ގުރޫޕްގައި ހިމެނުނީ އާންމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނެވެ.

ކުރިން ފިއޮރެންޓީނާ އާއި ސްމްޕްޑޯރިއާ އަށް ކޯޗް ކޮށްދިން މޮންޓެލާއަށް، ސެވިއްޔާއަކީ އިޓަލީން ބޭރުގައި އޭނާގެ ފުރަތަމަ ކޯޗިން ވަޒީފާ އެވެ.