ރާއްޖެ ކުޅިވަރު

ބަދަހި ދުވުމާއެކު ތިނަދޫ ރައްޔިތުންގެ ގުޅުން ބަދަހިކޮށްލައިފި

Jan 2, 2018

ބަދަހި ދުވުން 2018 ނަމުގައި ތިނަދޫ ޕޮލިސް ސްޓޭޝަން އަދި ރައުހަތު ސްޕޯޓްސް އެކަޑަމީ ގުޅުގެން ގދ. ތިނަދޫގައި ތިން ކިލޯމީޓަރުގެ ދުވުމެއް ބާއްވައިފި އެވެ.

ތިނަދޫގައި ގާއިމް ކުރެވިފައިވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ތިނަދޫ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ކުށް މަދު މުޖްތަމައެއް ބިނާކޮށް ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި މިދުވުމުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

ބަދަހި ދުވުމާ ގުޅޭ ގޮތުން އަވަސް އަށް މައުލޫމާތު ދެމުން ރައުހަތު ސްޕޯޓްސް އެކަޑަމީގެ ރައީސް ހުސެއިން ރައުހަތު ވިދާޅުވީ ތިނަދޫގެ ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. "މުއައްސަސާތަކުގެ އެހީތެރިންކަން ވަރަށް ލިބުނު ދެން ހާއްސަކޮށް ތިނަދޫގެ ވިޔަފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" ރައުހަތު ބުންޏެވެ.

ފަހުގެ ތާރީހެއްގައި ތިނަދޫގައި ބޭއްވުނު އެންމެ ބޮޑު ދުވުމަށް ބަދަހި ދުވުން ވެގެން ގޮސްފައިވާއިރު ކޮންމެ އަހަރަކުވެސް މިދުވުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެން އަދި ފިރިހެން 35 އަހަރުން މަތި އަދި 35 އަހަރުން ދަށުން ގަދަ ތިން ދުވުން ތެރިންވެސް ވަނީ ހޮވާފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ރައުހަތު ވިދާޅުވީ ތަފާތު އިވެންޓެއް ރޭވިފައިވާކަމަށާއި ތިން ވަރަކަށް ހަފްތާ ތެރޭގައި އެހަރަކާތާ ގުޅޭ މައުލޫމާތުތަށް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. "ވަރަށް ހާއްސަ ހަރަކާތެއް އެބަރާވަން އެއީ އަދި ސިއްރެއް" ރައުހަތު ބުންޏެވެ.