ދުނިޔެ

ޕާކިސްތާނުން ހެދީ ދޮގާއި މަކަރު: ޓްރަމްޕް

އެހީގެ ގޮތުގައި އެމެރިކާއިން އެތައް ބިލިޔަން ޑޮލަރެއް ދިނުމުން ޕާކިސްތާނުން މުޅިން ވެސް ހެދީ ދޮގާއި މަކަރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހާރިޖީ ސިޔާސަތުގެ ގިނަ ވާހަކަތައް ސޯޝަލް މީޑިއާ ޓްވިޓާގައި ދައްކަވާ ޓްރަމްޕް ޕާކިސްތާނަށް ބަހުގެ ހަމަލާ ދެއްވީ މިއަހަރު ކުރެއްވި ފުރަތަމަ ޓްވީޓްގައެވެ. ޕާކިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތް ދޭ ކަމަށް ވެސް ޓްވީޓްގައި ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.

"ޔުނައިޓެޑް ސްޓޭޓްސް އިން ވަނީ މޮޔަކަމުން ޕާކިސްތާނަށް ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެހީގެ ގޮތުގައި 33 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ދީފައި. އަދި އެމީހުން އަހަރެމެންނަށް ދޮގާއި މަކަރު ފިޔަވަވާ އެހެން އެއްޗެއް ނުދޭ. އަހަރެމެންގެ ލީޑަރުންނަކީ މޮޔައިން ކަމަށް ހީކޮށް،" ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެކަން ދެން އެގޮތަށް ނުވާނެ ކަަމަށް ވެސް ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެެ.

ޕާކިސްތާނުން މިހާރު ވަނީ ޓްރަމްޕްގެ ވާހަކަފުޅަށް ރައްދު ދީފައެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރު ޚަވާޖާ އާސިފް ޖިއޯ ޓީވީއަށް ވިދާޅުވީ އިތުރު ކަމެއް ދެން ނުކޮށްދޭނެކަން އެމެރިކާއަށް ކުރިން ވާނީ އަންގާފައެވެ. އެހެންވީމާ "ދެން އިތުރަށް އެކަން އެހެން ނުވާނެ ކަމަށް" ޓްރަމްޕް ވިދާޅުވި ވިދާޅުމުގެ މާބޮޑު އަހައްމިއްޔަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ލިބުނު ހުރިހާ އެހީއެއްގެ ތަފުސީލު އާއްމު ކުރަން ޕާކިސްތާނު އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނަކީ ނޭޓޯގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން އެމެރިކާއިން ކުރިން އެންމެ ގާތް ގުޅުމެއް ބޭއްވި ގައުމެވެ. އަވަށްޓެރި އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއަށް އެންމެ ބޮޑަށް އެހީވީ ޕާކިސްތާނުންނެވެ. އެކަމުގައި އެމެެރިކާއިން ޕާކިސްތާނުގެ ސަރަހައްދުގެ ބޭނުން ވަރަށް ބޮޑަށް ކޮށްފައި ވެއެވެ.