ދުނިޔެ

ތާލިބާނުން ބަލިކުރެވިދާނެ، އެކަމަކު 10 މިލިއަން މީހުން މަރުވާނެ: ޓްރަމްޕު

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދުގައި ގާއިމްވެފައި އޮންނަ ޓެރަރިސްޓު ޖަމާއަތެެއް ކަމަށްވާ ތާލިބާން ޖަމާއަތް އެއް ހަފުތާގެ ތެރެގައި ބަލުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނާ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށްފަހު ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާގައި ތާލިބާނުން ނައްތާލުމުގެ ގާބިލްކަން ހުރި ނަމަވެސް އެކަން ކުރާނީ ޕާކިސްތާނުގެ އެހީގައި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އުޅަނދުތައް ފޯރުކޮށް ދޭން 1.3 ބިލިއަން ޑޮލަރުގެ އެހީ ޕާކިސްތާނަށް ދޭނެ ކަމަށެވެ.

"ހަފްތާއެއްގެ ތެރޭގައި ތާލިބާނުން ބަލިކުރެވިދާނެ، ދުނިޔެއިންވެސް ފޮހޮލެވިދާނެ، އެކަމަކު އެމެރިކާއިން ހަނގުރާމަ ކުރާ ގޮތަށް ހަނގުރާމަ ކޮށްފިނަމަ 10 މިލިއަން މީހުން މަރުވާނެ" ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕް އެހެން ވިދާޅުވި އިރު އެމެރިކާއިން ވަނީ 19 އަހަރު ވަންދެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށް ނާކާމިޔާބުވެފަ އެވެ. ޓްރަމްޕު ވިދާޅުވީ، ކުރީ އަހަރުތަކުގައި އެމެރިކާގެ ސިފައިން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރީ ޕުލުހުން ކުށްވެރިންނާ މެދު އަމަލު ކުރާ އުސޫލުން ކަމަށެވެ. ސިފައިންގެ ގޮތުގައި ހަނގުރާމަ ކުރިނަމަ ތާލިބާނުން ބަލިވެފައިވީސް ކަމަށެވެ.