ކުޅިވަރު

ކުޓީނިއޯ ބާސާ ޖޯޒީގައި ދައްކާލުމުން ކްލޮޕް އައީ ހިނި

Jan 2, 2018

ކުޅިވަރު ސާމަނު އުފައްދާ ކުންފުނި، ނައިކީއިން، އެ ކުންފުނީގެ އިސްތިހާރެއްގައި ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކްޓީނިއޯ، އެފްސީ ބާސެލޯނާގެ ޖޯޒީގައި ދައްކާލުމުން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އައީ ހިންޏެވެ.

ނައިކީ އަކީ ބާސެލޯނާގެ ކިޓް ތައްޔާރުކޮށް ފޯރު ކޮށްދޭ ކުންފުންޏެވެ. ނައިކީގެ ވެބްސައިޓްގައި މިދިޔަ ހަފުތާގައި އާންމު ކޮށްފައިވާ އިސްތިހާރެއްގައި ބުނަނީ، "ކޭމްޕް ނޯ [ބާސާގެ ދަނޑު] ގައި ވިދާލަން ކްޓީނިއޯ ތައްްޔާރު" ކަމަށެވެ.

މިދިޔަ ހޫނު މޫސޫމުގައި ބާސާއިން ވަނީ، ކްޓޫނިއޯ ގެންދިއުމަށް 118 މިލިއަން ޕައުންޑް ހުށަހަޅާފަ އެވެ. ނަމަވެސް، އޭނާ ދޫކޮށްލަން ލިވަޕޫލުން އެއްބަހެއް ނުވި އެވެ. މިހާރު ހުޅިވިފައިވާ ފިނި މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ ގެންދަން ބާސާއިން މަސައްކަތް ކުރާނެ ކަމުގެ އަޑުތައް ގަދަވި އެވެ. އަދި ރޭ، ބާންލީއާ ދެކޮޅަށް 2-1 ން ލިވަޕޫލް މޮޅުވި މެޗަށް ގެންދިޔަ ސްކޮޑުގައި ކްޓުނިއޯ ނެތުމުން ނައިކީގެ އިސްތިހާރާއި ގުޅުވައި ދެކެވެމުން ދިޔަ ވާހަކަތައް ގަދަވި އެވެ.

ރޭގެ މެޗަށް ފަހު އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، ކްލޮޕް ހޭން ފެށި އެވެ. އަދި އޭނާ އެކަން ނެގީ ޖޯކެއްގެ ގޮތަށެވެ.

"އަހަރެން އެވާހަކަ އަޑު އެހިން،" ނައިކީގެ އިސްތިހާރާ ބެހޭ ގޮތުން ކްލޮޕް ބުންޏެވެ. "މިއީ ދުނިޔޭގެ އެހެން ކަންކަމަށް ވުރެ ޝައުގުވެރިކަން ކުޑަ ވާނެ ކަމެއް ނޫން، ކޮންމެވެސް މީހަކު އަހަރެން ކައިރީ އެވާހަކަ ބުނީ މަ އަހަރެން ބުނީ "ވޮއު އެންމެ ޓޮޕް ސްޓޯރީ އޭ."

ރޭ މެޗުން ކްޓީނިއޯ އަށް ފުރުސަތު ނުދިނީ އޭނާ އިންޖަރީގައި ހުރުމުން ކަމަށް ކްލޮޕް ބުންޏެވެ. މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެޑިއޯ މާނޭ އެވެ. ބާންލީން ނަތީޖާ ހަމަހަމަ ކުރި މެޗުގެ 87 ވަނަ މިނެޓްގައި ޔޯހަން ބާގް ގަތަމަންސަން އެވެ. މެޗުގެ 93 ވަނަ މިނެޓްގައި ލިވަޕޫލް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ރަގްނާ ކްލާވަން އެވެ.