ހަބަރު

މޯލްޑިވިއަން އަށް އިތުރު ސީޕްލޭނެއް ގެނެސްފި

ގައުމީ އެއާލައިންގެ ހިދުމަތް ވަރުގަދަ ކުރުމަށް، އެ ކުންފުނިން އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖެއްސި ސީޕްލޭނާއެކު އެ ކުންފުނީގެ މޫދަށް ޖައްސާ ބޯޓުގެ އަދަދު ވަނީ 13 އަށް އިތުރުވެފަ އެވެ. މިއަދު ގެނައި ސީޕްލޭން އަކީ ކެނެޑާއިން ގެނައި ސީޕްލޭން އެކެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝާހީން ވިދާޅުވީ، މިއަހަރު ތެރޭގައި އިތުރު ހަތަރު ސީޕްލޭން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދު ގެނައި ސީޕްލޭން އަކީ އިތުރަށް ލިބޭ ކޮންޓްރެކްޓް ތަކަށް ދަތުރު ކުރުމަށް ގެނައި ސީޕްލޭނެއް ކަމަށެވެ. 15 މީހުންގެ ޖާގައިގެ އެ ސީޕްލޭން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެތެރޭޣެ އުދުހުން ތަކަށް ކަމަށް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ، ފުރޮޅޫތައް ބަދަލުކޮށް ކަނދުފަތި އަޅުވަން ދޮޅު ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށާއި ސީޕްލޭން ދޮޅު ހަފްތާއެއްގެ ތެރޭގައި ހިދުމަތަށް ނެރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން ނުވަ ރިސޯޓަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް އިތުރު ރިސޯޓްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ މަހު 20 ގައި ވަނީ އެކުންފުނީގެ 12 ވަނަ ސީޕްލޭން ގެނެސްފަ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަނީ އިންޑިޔާ އާއި ޗައިނާ އަދި ތައިލެންޑާއި ބަންގްލަދޭޝްއަށް އުދުހުންތައް ބާއްވަމުންނެވެ.