ކުޅިވަރު

އާ އަހަރަށް ޓީއެފްޖީން ބޮޑެތި ރޭސްތަކެއް

Jan 2, 2018

ޓޯޓަލް ފިޓްނަސް ގުރޫޕު (ޓީއެފްޖީ) ން، އާ އިވެންޓްތަކާއެކު، ފެށުނު އާ އަހަރަށް ބޮޑު ހަތް ރޭހެއް ބާއްވަން އިއުލާން ކޮށްފި

މި އަހަރު ޓީއެފްޖީގެ އިވެންޓްތައް ގިނަ އެވެ. އެގޮތުން 11 އިވެންޓެއް، މިއަހަރު ތެރޭގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ. ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އަޅާ ކުންފުނިން، ކޮންމެ އަހަރަކު އާ ރޭސްތަކެއް ބާއްވައެވެ. މި އަހަރުވެސް މުޅިން އާ ދެ އިވެންޓެއް ބޭއްވުމަށް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ "ރަންނަމާރި އަރަނީ" އަދި "ބޮޑު ހާފު" ގެ ނަމުގައި ބާއްވާ ރޭސްތަކެކެވެ.

ޓީއެފްޖީގެ ފުރަތަމަ އިވެންޓް ފެށިގެން ދާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަހަރުގެ ފުރަތަމަ އިވެންޓަކީ، "ރެޑިކަލް ފެސްޓް" އެވެ. މިއީ ޓީއެފްޖީ ބޭރުގައި ބާއްވާ އިވެންޓެކެވެ. ކަސްރަތާއި ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ޓީއެފްޖީގައި ހުރި ފުރުސަތުތައް މީހުން ހޭލުންތެރި ކުރުމަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓްގައި ޓީއެފްޖީއާއެކު ޓާކިޝް އެއާލައިނުންވެސް ބައިވެރި ވާނެ އެވެ. މި އަހަރު، ހަތަރު ޕީރިއަޑެއްގައި، ރެޑިކަލް ފެސްޓް ބޭއްވުމަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ. އެއީ ޖަނަވަރީގެ އިތުރުން މާރިޗް، ޖުލައި އަދި އޮކްޓޫބަރު ގައެވެ.

ކޮންމެ އަހަރަކުވެސް ޓީއެފްޖީގެ އެންމެ ބޮޑު އިވެންޓަކީ، ކޮކާކޯލާ ލޯންގު ރަން އެވެ. އެ ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޭސްތަކުގެ ތެރެއިން އެއް ރޭހެވެ. މި އަހަރުވެސް، އޭޕްރީލް މަހަށް ވަނީ، ލޯންގް ރަން ޝެޑިއުލް ކޮށްފަ އެވެ. މި ރޭހަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްގައި ރޭންކު ކޮށްފައިވާ ރޭހެވެ. މި ރަން އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި ރޭސް ބާއްވަ އެވެ.

މާލެއިން ބޭރުގައި ބާއްވާ ރޭސްތަކުގެ ތެރެއިން، އެންމެ މަޝްހޫރު ރޭހަކީ "ކޮކާކޯލާ ރަން އިން އައްޑޫ" އެވެ. ޓީއެފްޖީން ބާއްވާ މި އިވެންޓް މި އަހަރަށްވެސް ވަނީ ޝެޑިއުލް ކޮށްފަ އެވެ. މީގެ އިތުރުން ލާމު އަތޮޅުގައި ބާއްވާ "ކޮކާކޯލާ ރަން އިން ލާމް"ރޭސް އެވެ. ލާމުގެ ރޭސް ބާއްވާނީ ލ. ލިންކު ގައެވެ. އައްޑޫގެ ރޭސް އައްޑޫ ލިންކު ރޯޑުގައެވެ. ލާމު ރަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ، މި މަހު 26 ގައެވެ. އައްޑޫ ރަން އޯގަސްޓް މަހު އެވެ.

ކުޑަކުދިންނަށް ހާއްސަ ކޮށް ބާއްވާ، "ބީއެމްއެލް ވައޯ ކިޑް ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހު އެވެ.