ރާއްޖެ ކުޅިވަރު

ރާއްޖޭގައި މޮޓޯ ސްޕޯޓްސް އަށް ރަނގަޅު ކުރިމަގެއް އެބައޮތް: ގްރިންޔާ

ދިވެހިރާއްޖޭގައި މޮޓޯ ސްޕޯޓްސް އަށް ރަނގަޅު ކުރިމަގެއް އެބައޮތް ކަމަށް ޔޫކްރޭންގެ ޑްރިފްޓް ރޭސިން ޗެމްޕިއަން އަދި ރެޑްބުލްގެ މަޝްހޫރު އެތުލީޓް އެލެކްސަންޑާ ގްރިންޗުކް (ގްރިންޔާ) ބުނެފި އެވެ.

ހުކުރު ދުވަހާއި އިއްޔެ ހުޅުމާލޭގައި ކުރިއަށް ދިޔަ ޕިޓްސަން މޮޓޯ ރޭސް ނިންމާލުމުގެ ގޮތުން ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގްރިންޔާ ބުނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް މިހާރު ވެސް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

 "އަހަރެން ރާއްޖެ އައިސް، މި ކުރި ތަޖުރިބާ އާއި އަހަންނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، އަހަރެން ބުނާނީ ރާއްޖޭގައި މިހާރު ވެސް މޮޓޯ ސްޕޯޓްސްގެ ކުރިއެރުވުމަށް ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އޮތީ އެޅިފައި. ރާއްޖޭގެ މޮޓޯ ސްޕޯޓްސް އަށް ރަނގަޅު މުސްތަގްބަލެއް އެބައޮތް،" ޕިޓްސަން މޮޓޯ ރޭހާ ދިމާކޮށް ރެޑްބުލް އާއި ރާއްޖޭގައި ރެޑްބުލް މާކެޓްކުރާ ޔޫރޯ މާކެޓިން އިން ރާއްޖެ ގެނައި ގްރިންޔާ ބުންޏެވެ.

ގްރިންޔާ ބުނީ "ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި" ރާއްޖެ މަޝްހޫރު ވާނީ ހަމައެކަނި ރާޅާއެޅުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ނޫން ކަމަށާއި މޮޓޯ ސްޕޯޓްސްގައި ވެސް މަގްބޫލު މަންޒިލަކަށް ވާނެ ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

ޕިސްޓަން މޮޓޯ ރޭހާއެކު، ގްރިންޔާ ވެސް ރާއްޖެ އަށް ކުރާ ދަތުރުގައި ބާއްވަން ހަމަޖެހިފައިވާ އޭނާގެ ހުނަރު ދައްކާލުމުގެ ޝޯތައް ވެސް ވަނީ ނިންމާލައިފަ އެވެ. ޕިސްޓަން މޮޓޯ ރޭހުގެ ތެރެއިން، އަދި އޭގެ ކުރިން މާލޭގައި ވެސް ގްރިންޔާ ވަނީ ހުނަރުދައްކާލުމުގެ ޝޯތަކެއް ބާއްވައިފަ އެވެ. ގްރިންޔާގެ ޝޯތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މޮޓޯ ރޭސް ކަމަށްވާ ޕިސްޓަން މޮޓޯ ރޭހުގެ ވަނަތަކަށް އައި ޑްރިވަރުންނަށް، ރޭ އޮތް ރަސްމިއްޔާތުގައި އިނާމުތައް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.