އެމްއައިޓީޑީސީ

އާ އަހަރު ޝޯގެ ހެދުމާ ގުޅިގެން މާފަށް އެދިއްޖެ

އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ބޭއްވި ޝޯގައި ހުށަހަޅައިދިން އައިޓަމެއްގައި ހެދުން އަޅާފައި ހުރި ގޮތުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މާފަށް އެދިއްޖެ އެވެ.

އެމްއައިޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން އައިޓަމެއްގައި ބޭނުން ކޮށްފައިވާ ހެދުމަކީ އެފަދަ ހަރަކާތެއްގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ހެދުމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގައިދިޔަ ކަމަށްޓަކައި އެކުންފުނިން މާފަށް އެދޭ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ކުރިއަށް އޮތް ތަނުގައި އެކުންފުނީގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ސަމާލުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއައިޓީޑީސީ ގުޅިގެން ބޭއްވި ޝޯގައި ހިނގި ބައެއް ކަންކަމާ ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ގިނަ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އެ ރޭގެ ޝޯގައި ޕާފޯމްކުރި ބޮލީވުޑްގެ ޑާންސް ގުރޫޕެއްގެ އަންހެނުން ލައިގެން ތިބި ހެދުމަށެވެ. އެ ހެދުމުގެ ނިވާކަން ކުޑަ ކަމަށް ބުނެ ގިނަ ފަރާތްތަކުން ފާޑުކިޔާފައި ވެއެވެ. އަދި، އެފަދަ ހުށަހެޅުންތައް ދައުލަތުގެ ޓީވީއިން ދައްކަމުން ދިޔުން ވެސް ބައެއް މީހުން ކުށްވެރިކުރި އެވެ.

މީގެ އިތުރުން ޝޯ ހުށަހަޅައިދިން ބޭރުގެ އަންހެން ހޯސްޓް، އެންމެ ފުރަތަމަ ލައިގެން ހުރި ހެދުމަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ. ފާޑުކިޔުންތަކާހުރެ އޭނާ ފަހުން ވަނީ ހެދުން ބަދަލު ވެސް ކޮށްފަ އެވެ.