އެޗްޑީސީ

ބޯޓިން ދާއިރާއިން 10 ޒުވާނުން ތަމްރީނުކުރަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބޯޓިން ދާއިރާއިން 10 ޒުވާނުން ތަމްރީނު ކުރުމަށް ނިންމައިފި އެވެ.

އެޗްޑީސީ އިން ވަނީ އިއްޔެ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ފުރުސަތަށް ކުރިމަތިލި 10 ޒުވާނުންނަށް ވެސް އޮފާ ލެޓާ ހަވާލުކޮށްފަ އެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މިފަދަ ޕްރޮގްރާމެއްގެ މަގުސަދަކީ ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުމެވެ. އަދި މި ޕްރޮގޮރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓް ކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ތެރެއިން ގުރޭޑް 10 ނިންމާފައިވާ އަދި ފަރިތަކަމާއިއެކު އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ޒުވާނުންނަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ހުށަހެޅި މީހުންގެ ތެރެއިން ވޯޓާސްޕޯޓްސްގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދީފައިވާނެ ކަމަށްވެސް އެޗްޑީސީއިން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިން އެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެ ޕްރެކްޓިކަލް ސެޝަންތަކެއްގައި ވެސް ބައިވެރިވާންޖެހޭނެ އެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މާހައުލާއި ގުޅޭ އަދި އެޗްޑީސީގެ ކުރިއަށް ރޭވިފައި ހުރި ބޮޑެތި މަޝްރޫއުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީނު ކުރުމަށް ކުރެވިގެންދާ މަސައްކަތެއް ކަަމަށެވެ.