ކުޅިވަރު

ހަޒާޑަށް ރެއާލްގެ ޝައުގުވެރި ކަމެއް ނެތް!

Jan 3, 2018

ޗެލްސީގެ ބެލްޖިއަމްގެ އެޓޭކިން މިޑްފީލްޑާ އެޑެން ހަޒާޑް ގެންދިއުމަށް ރެއާލް މެޑްރިޑްގެ ޝައުގުވެރި ކަމެއް ނެތް ކަން ހާމަ ވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުގައި ހަޑާޒްގެ ބައްޕަ، ތިއެރީ ހަޒާޑް ބުނެފައި ވަނީ، ޗެލްސީގެ ކޮންޓްރެކްޓް އާ ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ޖަވާބެއް ނުދީ، އޭނާގެ ދަރިފުޅު [އެޑެން ހަޒާޑް] މަޑުޖައްސާލާފައިވާ ކަމަށެވެ. އެއީ ރެއާލުން އަތުވެދާނެ ހުށަހެޅުމަަށް މަޑު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ތިއެރީ ހަޒާޑް ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހު ދިން އިންޓަވިއުއެއްގައި، ހަޒާޑް ބުނެފައި ވަނީ، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އަކީ އޭނާގެ ފުޓްބޯޅައިގެ އައިޑޮލް ކަމަށާއި ޒިދާންގެ ކޯޗް ކަމުގެ ދަށުން ކޮންމެވެސް ދުވަހަކު ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

ހަޒާޑްގެ ބައްޕަ ދެއްކި ވާހަކަ އާ ގުޅިގެން ސްޕެއިންގެ ބައެއް ނޫސްތަކުން ސިފަ ކޮށްފައި ވަނީ، އެއީ ހަޒާޑް ގެންދިއުމަށް ރެއާލް އަށް އޭނާގެ ބައްޕަ ލޮބީ ކުރުމުގެ ގޮތުން ދެއްކި ވާހަކަ އެއް ކަމަށެވެ.

މި ހާފުތާ ފެށުނު ފަހުން ރެއާލްގެ ބޯޑުން ވަނީ ހަޒާޑްއާއި އެ ކުލަބާ ގުޅުވައި ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން މަޝްވަރާ ކޮށްފަ އެވެ. ރެއާލުގެ ބޯޑުގެ މެންބަރުންނަށް އެއްބަސްވެވުނީ، މާކޯ އެސެންސިއޯ އަށް ގިނަ ފުރުސަތު ތަކެއް ދީ އޭނާ ކުރި އެރުވުމަށެވެ. އަދި އެސެންސިއޯ ޒުވާން ވެފައި، އޭނާގެ ކެރިއަރުގައި އަދި ގިނަ އަހަރުތަކެއް އޮތުމުންނެވެ. އެސެންސިއޯ 21 އަދި ހަޒާޑް 26، އަކީ އެއް ރޯލެއް އަދާ ކުރާ ދެ ކުޅުންތެރިންނެވެ.

"އަހަރެމެންގެ ޓީމުގައި އެސެންސިއޯ ހުއްޓައި އަހަރެމެން ކީއްވެ ހަޒާޑް ގެންނަންވީ." ބައްދަލު ވުމުގައި ބައިވެރިވި ރެއާލްގެ ސީނިއާ އޮފިޝަލެއް ވިދާޅުވި އެވެ.

ރެއާލުން އެސެންސިއޯ، ގިނައިން ބޭނުން ކުރަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ކުލަބުގެ ގިނަ ސަޕޯޓަރުން ދަނީ އެސެންސިއޯ އަށް ގިނަ ފުރުސަތު ދިނުމަށް ޑިމާންޑް ކުރަމުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ނަމަވެސް، ބޮޑެތި މެޗުތަކުގައިވެސް އެސެންސިއޯ ތަފާތު ދައްކަ އެވެ.

އެގޮތުން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗާއި، ސްޕެނިޝް ސްޕަ ކަޕްގައި ބާސެލޯނާ އާ ދެކޮޅަށް ދެއްކި ކުޅުން ފާހަގަ ކުރެވެއެވެ. އެ ދެފަހަރު ވެސް އެސެންސިއޯ ވަނީ ލަނޑު ޖަހާފަ އެވެ. އަދި ސްޕެނިޝް ލީގްގައި އެންމެ ފަހުން ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.