އާ ސީޒަނަށް ތައްޔާރު ވުމަށް، ޓީސީ ސްޕޯޓްސް ކުލަބުގެ ޕްރެކްޓިސް އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އާ، ސީޒަން ފަށާނީ އަންނަ މަހު ހައެއްގައެވެ. ނަމަވެސް އޭގެ ކުރިން، ޓީސީން އޭއެފްސީކަޕް ޕްރިލިމިނަރީ ރައުންޑްގައި ވާދަ ކުރާނެ އެވެ. ޕްރިލިމިނަރީ ރައުންޑްގައި ޓީސީ ވާދަ ކުރާނީ ބަނގުލަދޭޝްގެ ސައިފް ސަޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ބަނގުލަދޭޝްގެ މި ޓީމު، އޭއެފްސީ ޕްރިލިމިނަރީ ބުރުގެ ޖާގަ ޔަގީން ކުރީ އިއްޔަ ކުޅުނު ކޮލިފައިން މެޗުގައި ޝައިހް ރުސެލް 2-1 ބަލި ކުރުމަށްފަހު އެވެ.
ޓީސީ އާއި ސައިފް ސްޕޯޓްސް ކުލަބު ކުޅޭ، ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗު އޮންނާނީ މިމަހު 23 ވަނަ ދުވަހު ބަންގުލަދޭޝްގަ އެވެ. ދެ ވަނަ ލެގް މެޗު މިމަހު 30 ވަނަ ދުވަހު އޮންނާނީ މާލޭގައެވެ. ޕްރިލިމިނަރީ ރައުންޑު ކާމިޔާބު ކުރާ ޓީމު ދާނީ ޕްލޭއޮފް ބުރަށެވެ. ޕްލޭއޮފް ބުރުގައި ވާދަ ކުރަން ޖެހޭނީ، އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓަޑް ކުޅޭ ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޓީސީން ވަނީ މި އަހަރު ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ވާދަ ކުރި ށ. މިލަންދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު) ލައްވައި ސޮއި ކުރުވާފަ އެވެ. ޓީސީ ދޫކޮށް ދިޔަ ކުޅުންތެރިޔަކީ، މިދިޔަ ތިން ސީޒަންގައި އެ ޓީމަށް ކުޅުނު ނާއިޒު ހަސަން (ދާދު) އެވެ.
ޓީސީ، ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށީ، 2015 ވަނަ އަހަރު އެވެ. މިދިޔަ ތިން އަހަރުވެސް ޕްރިމިއާ ލީގްގެ ދެ ވަނަ އެ ޓީމުން ވަނީ ހޯދާފަ އެވެ. އަދި މިދިޔަ ދެ ސީޒަންގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި އެ ޓީމު ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.