ވިޔަފާރި

ދިރާގު ރޯޑްރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަށް ޖަމިއްޔާއަކަށް

May 3, 2015

ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ދުވުން ކަމަށްވާ، ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ސާބަހަށް މަސައްކަތްކުރާ އަށް ޖަމިއްޔާއަކަށް ދީފި އެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް އެ ކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން އާއި ހެޑް އޮފް މާކެޓިން އަހުމަދު މައުމޫނެވެ.

އަންނަ މަހު 12 ވަނަ ދުވަހު ބާއްވާ މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ އާކް އާއި ބިއުޓިފުލް އައިސް އަދި ކެއާ ސޮސައިޓީ އާއި ކެޕް، އޯޓިޒަމް އެސޯސިއޭޝަންގެ އިތުރުން ފިޒިކަލް ޑިޒޭބިލިޓީ އެސޯސިއޭޝަނާއި ނައިފަރު ޖުއެނައިލް އެވެ. މީގެ ތެރެއިން ކޮންމެ ޖަމިއްޔާ އަކަށް ދިރާގުން އެއް ލައްކަ ރުފިޔާ ދޭނެ އެވެ. މީގެ އިތުރުން ދުވުމުގައި ބައިވެރިވާ މީހުންނަށް ބޭނުންވާ ޓީޝާޓު ފަދަ ތަކެތި ވިއްކުން ފަދަ ގިނަ މަންފާތަކެއް ވެސް މި ޖަމިއްޔާ ތަކަށް ލިބޭނެ އެވެ.

ދުނިޔޭގެ ދިގު ދުވުމުގެ ޖަމިއްޔާ (އެއިމްސް) ގެ މިންގަނޑަކަށް ފެތޭ މި ވުމުން ދިރާގުން ބާއްވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެ ކުދިން ސަލާމަތް ކުރުމުގެ ޝިޔާރު ހިމަނައިގެންނެވެ. މި ދުވުމުގައި ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ބައެއް ހިމެނެ އެވެ.

ދިރާގުން ވަނީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ދުވުމަށް ހާއްސަ ވެބްސައިޓުގައި އޮން ލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލާފަ އެވެ. މި ދުވުމުގައި ބައިވެރިވެވެނީ 3،000 ދުވުން ތެރިންނަށެވެ.