ދުނިޔޭގެ ފެންވަރުގެ ރެކޯޑް ސުޓޫޑިއޯއެއް ރާއްޖޭގައި ގާއިމް ކުރަން އެމެރިކާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފެންވަރުގެ ރެކޯޑް ސުޓޫޑިއޯ އެއް ގާއިމް ކުރުމަށް އެމެރިކާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މޯލްޑިވްސް އައިލޭންޑް ރިއަލިޓީއާއެކު އެވެ. އެފަރާތުން ސޮއިކޮށްފައިވަނީ އެމެރިކާގެ ކޮން ކުންފުންޏަކާއެކު ކަމެއް ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ކުންފުނީގެ ނަން ހާމަ ކުރާނެ ކަމަށް މޯލްޑިވްސް އައިލޭންޑް ރިއަލިޓީން ބުންޏެވެ.
މޯލްޑިވްސް އައިލޭންޑް ރިއަލިޓީގެ ފަރާތުން އަންނަނީ ޓޫރިޒަމް ދާއިރާއަށް އިންގިލާބެއް ގެނެސްދޭނެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން ވޯޓާ ސްޕޯޓްސްގެ އާ އެކްއިޕްމަންޓް ތައާރަފް ކުރުމާއި އެނބުރޭ ވައިން ސެލާ ރެސްޓޯރެންޓެއް ގާއިމް ކުރުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ސްޓޫޑިއޯއެއް ގާއިމް ކުރުމަށް ހަމަޖެހިފައި ވެއެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޯލްޑިވްސް އައިލޭންޑް ރިއަލިޓީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފީ ވިދާޅުވީ، ޕްރޮޖެކްޓްގެ ސަބަބުން ރާއްޖެ އެހެން ލެވެލް އަކަށް ގެންދިއުމަށް ކުރަމުންދާ އުންމީދުގައި ކުލަޖެހެމުންދާ ކަމަށާއި މި ޕްރޮޖެކްޓް ވެގެންދާނީ މި ރީޖަންގައި އަދި އިންޓަނޭޝަނަލް ލެވެލްއެއްގައިވެސް ރާއްޖެ މައިލްސްޓޯން އަކަށް ގެންގޮސްދޭނެ ޕްރޮޖެކްޓަކަށް ކަމަށް ޝާފީ ވިދާޅުވި އެވެ.
ޝާފީ ވިދާޅުވީ، މި ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް ބަޔަކީ ވޯލްޑް ކްލާސް ރެކޯޑް ސްޓޫޑިއޯ ކަމަށާއި އެ ސްޓޫޑިއޯގައި އާޓިސްޓުންނާއި ސެލެބްރިޓީންނާއި ރެކޯޑް ލޭބަލް ތަކުން ރާއްޖޭ އައިސް މި ރީތި ކަމުގެ ތެރޭގައި އެފަރާތްތަކުގެ ޓެލެންޓް މުޅި ދުނިޔެއަށް ދެއްކުމަށް މަންޒިލަކަށް ރާއްޖެ ބޭނުން ކުރުން ހެދުމަށް ކަމަށެވެ.
"ސަރުކާރާއި ގުޅިގެން މި މަސައްކަތް ކުރަމުން މިދަނީ، އެފަރާތްތަކުގެ އެހީ ވަރަށް ބޮޑަށް މި ޕްރޮޖެކްޓަށް ލިބޭ، މި ޕްރޮޖެކްޓްގެ ދަށުން ރޮޓޭޓިން ވައިންސެލާއެއް ގާއިމް ކުރުމަށް ހަމަޖެހިފާވޭ، މިޕްރޮޖެކްޓްގެ ސްޓޭކްހޯލްޑާސްގެ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ހިމެނެ،" ޝާފީ ވިދާޅުވި އެވެ.
ޝާފީ ވިދާޅުވީ، ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެވެސް ބޮޑު ހޭދައެއް މި ޕްރޮޖެކްޓަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ސުޓޫޑިއޯ ގާއިމް ކުރުމަށް ވަކި ރަށެއް ހަމަނުޖައްސާ ކަމަށާއި ގާއިމްކުރާނެ ވަކި ރިސޯޓެއް ބަލަމުންދާ ކަމަށެވެ.