ކުޅިވަރު

ޗެލްސީ، އާސެނަލް އެއްވަރުވެ ޔުނައިޓަޑަށް ހިތްހަމަޖެހުން

Jan 4, 2018

ޕްރިމިއާ ލީގްގެ ގަދަ ދެ ބާރު ކަމަށްވާ ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން 2-2 ން އެއްވަރުވެ، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑް ތާވަލުގެ ދެ ވަނައިގައި އޮވެވޭ ގޮތް ވެއްޖެ އެވެ.

އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލަނޑު ޖެހީވެސް އާސެނަލްއިންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، ޖެކް ވިލްޝެއާ އެވެ. އާސެނަލް އަށް ލީޑްގައި އޮވެވުނީ އެންމެ ހަތަރު މިނެޓް އިރު އެވެ.

ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި އެޑެން ހަޒާޑް ނަތީޖާ ހަމަހަމަ ކުރި އެވެ. ވެސްޓް ބްރޯމްވިޗްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި، މެޗުގެ އެންމެ ފަހު ވަގުތު، ވެސްޓްބްރޯމްއަށް ޕެނަލްޓީ ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރި، އާސެނަލްގެ ކޯޗް އާސެން ވެންގާ ވަނީ، ރޭގެ މެޗުގައި ވެސް ޗެލްސީއަށް ޕެނަލްޓީ ދިންގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.

އެ ޕެނަލްޓީ އަކީ، އާސެނަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އެޑެން ހަޒާޑަށް، ހެކްޓާ ބެލެރިން ފައުލު ކުރި ކަމަށް ބަލައި ދިން ޕެނަލްޓި އެކެވެ. ބެލެރިން މަސައްކަތް ކުރީ ބޯޅަ ދިފާއު ކުރާށެވެ. ނަމަވެސް އޭނާ ހުރާލި ފައި ޖެހުނީ ހަޒާޑްގެ ގައިގައިގައެވެ. އެވަގުތު ހަޒާޑް ވެއްޓުމުން ރެފްރީ ދިނީ ޕެނަލްޓީ އެކެވެ.

މެޗުގެ 84 ވަނަ މިނެޓްގައި، ޗެލްސީގެ މާކޯސް އަލޮންސޯ އެ ޓީމަށް ލީޑް ނަގައިދިނެވެ. މެޗުގެ ކުރީ ކޮޅު ޗެލްސީގެ އަލްވާރޯ މޮރާޓާއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކްގައި ލިބުނު ފުރުސަތެއްގައި، މޮރާޓާގެ ބާރު ސްޕީޑް ބޭނުންކޮށްގެން ބޯޅަ ހިފައިގެން އޭރިއާ ހަމަޔަށް ގޮސް އޭނާ މަސައްކަތް ކުރީ އާސެނަލްގެ ކީޕަރު ޕިޓާ ޗެކަށް ފުރުސަތު ނުދީ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލުމަށެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން، އާސެނަލްގެ އެލެކްސިސް ސަންޗޭޒް ފޮނުވާލި ބޯޅަ، ގޯލްގެ ދަނޑިގައި ޖެހިފައި އައި ބޯޅަ ގޯލް ލައިން މަތީގައި އެނބުރި އެނބުރި އޮއްވައި ޗެލްސީގެ ކީޕަރު ކޯޓްއާ އެބޯޅަ ދިފާއު ކުރި އެވެ.

ރޭގެ މެޗު ޗެލްސީ މޮޅުވެގެން ނިމެނޭ ކަމަށް ބެލެވުނަސް، މެޗުގެ 92 ވަނަ މިނެޓްގައި ބެލެރިން މެޗުގެ ނަތީޖާ 2-2 ށް ހަމަހަމަ ކުރި އެވެ.

ރޭގެ މެޗުން ޗެލްސީ މޮޅުވި ނަމަ، އެ ޓީމަށް، ތާވަލުގެ ދެ ވަނަ ލިބުނީހެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓަޑާ ޗެލްސީއާ ދެމެދު އޮތީ އެއް ޕޮއިންޓް ފަރަގެވެ. ޔުނައިޓަޑަށް 47 ޕޮއިންޓެވެ. ޗެލްސީ އަށް 46 އެކެވެ. އާސެނަލް 39 ޕޮއިންޓާއެކު އޮތީ ހަ ވަނައިގައެވެ.