ބޭރު ކުޅިވަރު

އާސެނަލް ބަލިވީ ކޯސްޓާގެ މަކަރުވެރިކަމުން: ވެންގާ

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0އިން އާސެނަލް ބަލިވެ، ޓޭބަލުގެ ކުރިއަށް އަރަން އޮތް ފުރުސަތު ގެއްލުނީ ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާގެ މަކަރުވެރިކަމުން ކަމަށް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މެޗުން ބަލިވުމުން 44 ޕޮއިންޓާއެކު ދެ ވަނާގައި އޮތް އާސެނަލްގެ ކޯޗު ވެންގާ މިހެން ބުނީ މެޗުގެ 18 ވަނަ މިނިޓްގައި އާސެނަލްގެ ކެޕްޓަން ޕީޓަރ މަޓެސާކާ އަށް ރަތްކާޑު ދެއްކުމާ ގުޅިގެންނެވެ.

"އެންމެ ފަހުން އަހަރުމެން ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް އަހަރުމެންގެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކި. ދެ ފަހަރު ވެސް އެކަމެއްމިވީ ކޯސްޓާގެ ސަބަބުން. އަހަންނަކަށް ނޭނގެ މިއީ ކިހާ ރަނގަޅު ޑިސިޝަންތަކެއް ކަމެއް. ރެފްރީ ވަރަށް އަވަހަށް ރަތްކާޑު ދައްކައިފި. ކޯސްޓާގެ ސަބަބުން ނަގަންމިޖެހޭ ޑިސިޝަންތައް ބަލަން އެބަޖެހޭ،" ވެންގާ ބުންޏެވެ.

އޭނާ ވަނީ މީގެ ކުރިން ކޯސްޓާ އަކީ މެޗުތެރޭގައި ވަރަށް ބޮޑަށް މަކަރު ހަދައި ރެފްރީންނަށް އޮޅުވާލާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އެފަހަރު ކޯސްޓާގެ އަމަލުތައް ވީޑިއޯ މެދުވެރިކޮށް ބެލުމަށް ފަހު އިނގިރޭސި އެފްއޭއިން ސްޕޭނުގެ ގައުމީ ފޯވަޑަށް އަދަބުވެސް ދިނެވެ.

ވެންގާ ގޯސްހެދުން:

ރޭގެ މެޗުގައި އާސެން ވެންގާ ބޮޑެތި ގޯސްތަކެއް ހެދި ކަމަށް މެޗު އެނަލިސްޓުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ފާހަގަކުރި ކަމަކީ މަޓެސާކާ އަށް ރަތްކާޑު ދެއްކުމުން ފޯވަޑް އޮލީވިއާ ޖީރޫޑް ބާލައި ގަބްރިއަލް ފަބްލިސްޓާ ކުޅެން އެރުވުމެވެ. ގިނަ ބަޔަކު ބުނަނީ ޖީރޫޑް ނެތި އާސެނަލްގެ ޓާގެޓް ކުޅުންތެރިއެއް ނުހުންނަ ކަމަށެވެ. އަދި ރަތްކާޑަކަށް ފަހު ޓީމު އެންމެ މުހިންމު ފޯވަޑް ބަދަލުކުރިތަން މީގެ ކުރިން ނުދެކޭ ކަމަށް ވެސް ބައެއް މީޑިޔާތަކުން ފާހަގަކުރި އެވެ.

މިކަމާ ސުވާލު ކުރުމުން ވެންގާ ބުނީ އޭނާގެ ކޮންމެ ނިންމުމަކަށް ހިޔާލު ހޯދުމުގެ ވޯޓު ނަގަންނުޖެހޭނެ ކަމަށެވެ.

"ކޮންމެ ޑިސިޝަނަކަށް ޖެހޭތަ ހިޔާލު ހޯދަން ވޯޓެއްނަގަން. އަހަރެން އެކަން އެގޮތަށް ކުރީ އަހަރުމެން ކައުންޓަ އެޓޭކްކުރަން ޖެހި ވީ އެންމެ ބޮޑަކަށް މެޗަށް ގަދަވެގަންނަންޖެހޭތީވެ. އަހަރެން ދެކޭ ގޮތުގައި އެއީ އާދައިގެ ބަދަލެއް،" ކޯޗު ބުންޏެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ އޮތީ 28 ޕޮއިންޓާއެކު 13 ވަނާގަ އެވެ.