ދުނިޔެ

ގައުމު އެއްބައި ކުރަން އިތިއޯޕިއާގެ ސިޔާސީ މީހުން މިނިވަން ކުރަނީ

ޖިނާއީ އެކި އެކި ތުހުމަތުތައް ކޮށް ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ މީހުންނަށް މައާފް ދެއްވައި މިނިވަން ކުރައްވާނެ ކަަމަށް އެ ގައުމުގެ ބޮޑުވަޒީރު ހެއިލްމައިރިއަމް ޑެސަލެން ވިދާޅުވެއްޖެ އެވެ.

ހެއިލްމަރިއަމް ބުދަ ދުވަހު ވިދާޅުވީ ސިޔާސީ މީހުން މިނިވަން ކުރައްވަން ނިންމެވީ ގައުމު އަލުން އެއްބައިވަންތަ ކުރައްވަން ކަމަށެވެ.

އިތިއޯޕިއާގައި ކަންހިނގާ މަގަށް ބަލާއިރު ސަރުކާރުގެ މި ނިންމުމަކީ ސިޔާސަތަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުުމަތު ކުރާ ގޮތުގައި ގައުމީ ސަލަމާތަށް ނުރައްކާވާ ކަމަށް ބުނެ އެ ގައުމުގައި ހައްޔަރު ކޮށްފައިވާ ގިނަ މީހުންނަކީ ސިޔާސީ ގޮތުން ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރާ މީހުންނެވެ.

އިތިއޯޕިއާ ބޮޑުވަޒީރު މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރީ ހައްގުތައް ނަގައިލުމާއި ނަސްލީ ހަމަނުޖެހުންތައް ނުހުއްޓުވުން ފަދަ ކަންކަމާ ދެކޮޅަށެވެ.

"ދައުވާ އުފުލާފައިވާ ސިޔާސީ މީހުންނާއި ކުރިން ހުކުމްކޮށްފައިވާ ސިޔާސީ މީހުންގެ މައްސަލަތައް ބާތިލު ކުރެވޭނެ ނުވަތަ އެމީހުންނަށް މައާފު ދެވޭނެ،" އިތިއޯޕިއާގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"ހޯން އޮފް އެފްރިކާ" ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދުގައިވާ އިތިއޯޕިއާގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަމުންދާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ސަރުކާރުން މީހުންގެ އަމިއްލަ ބިންތައް އަތުލި ކަމަށް ބުނާ މަައްސަލައަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު 700 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.