ކުޅިވަރު

ޓީސީއާ ވާދަކުރާ ސައިފުއަށް ބަންގާޅުގައި ރެކޯޑެއް

ބަނގުލަދޭޝްގެ ކުލަބު ސައިފް ސްޕޯޓްސް ކުލަބު އުފެދުނުތާ އަދި މިވީ، 16 މަހެވެ. އުމުރުން ކިތަންމެ ހަގު ވިޔަސް، އެ ޓީމު މި ވަނީ، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ރައުންޑަށް ކޮލިފައި ވެފަ އެވެ. އެއީ ބަންގުލަދޭޝްގެ ފުޓްބޯޅައިގައި އެ ޓީމުން ހެދި ރެކޯޑެކެވެ. މީގެ ކުރިން ބަންގުލަދޭޝްގެ ފުޓްބޯޅައިގައި ކުލަބެއް އުފެދުމަށްފަހު މިހާ އަވަހަށް އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަ ކުރި އެހެން ޓީމެއް ނެތެވެ. ސައިފް އުފެދުނުތާ ދޮޅު އަހަރު ތެރޭ އެޓީމުން މިވަނީ އޭޝިއާގެ ދެ ވަނަ ދަރަޖައިގެ މުބާރާތުގެ ޖާގަ ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްފަ އެވެ.

ޕްރިލިމިނަރީ ބުރުގެ ޖާގަ އެޓީމުން ހޯދީ ކޮލިފައިން މެޗުގައި ޝައިހް ރުސެލް 2-1 ބަލި ކުރުމަށްފަހު އެވެ. ބަންގުލަދޭޝްއިން އޭއެފްސީ ކަޕްގެ ސީދާ ޖާގަ ޔަގީން ކުރީ އަބްހާނީ ޔުނައިޓަޑެވެ.

ސައިފް ސްޕޯޓްސް ކުލަބުގެ މިލުކުވެރިކަން އޮންނަނީ، ބަންގާޅުގެ މަޝްހޫރު ވިޔަފާރީގެ ބްރޭންޑެއް ކަމަށްވާ ސައިފް ޕަވާ ޓެކް އަތުގައެވެ. ކުލަބު ހިންގުމުގެ ހުރިހާ ޚަރަދެއް ކުރަނީ އެ ކުންފުނިންނެވެ. މި ސީޒަނަކީ އެ ޓީމުން ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ޓީމުގެ ހެޑް ކޯޗަކަށް ހުރީ އިނގިރޭސިއެއް ކަަމަށްވާ ރަޔަން ނޯތުމޯރް37 އެވެ. ކޯޗިންގައި އޭނާ ތަޖުރިބާ މަދުވުމަކުން އޭނާގެ މަގުބޫލުކަން ކުޑައެއް ނުވި އެވެ. އެ ޓީމު އޭއެފްސީ ޕްރިލިމިނަރީ ރައުންޑަށް ކޮލިފައި ކޮށްދިނުމުން ބަންގާޅުގެ ފުޓްބޯޅައިގައި މިދުވަސް ކޮޅު އޭނާގެ ވާހަކަ ގަދައަށް ދެކެވެ އެވެ.

އޭއެފްސީ ކަޕަށް، އެ ޓީމު ވަރުގަދަ ކުރުމަށް ޓީމަށް ބަދަލުތައް ގެނައުމަށް އެޓީމުން ވަނީ ނިންމާފަ އެވެ. ނޯތުމޯރު ހެޑްކޯޗުގެ މަސްއޫލިއްޔަތު އަދާ ކުރިނަމަވެސް، އޭނާ އަށް ލަފާ ދޭން އެޑްވައިޒަރެއްގެ ގޮތުގައި ބަންގާޅުގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ހަމަޖެއްސުމަށް ސައިފްގެ ބޯޑުން ވަނީ ނިންމާފަ އެވެ. ޓީމުގެ ކޯޗިން އެޑްވައިޒަރަކަށް ގެނައުމަށް އެޓީމުން މަސައްކަތް ކުރަނީ، އަރަމްބަގާގެ ކޯޗް މައުރޫފުލް ހައްގު އެވެ. އޭނާ އަށް ވަނީ އެ ހުށަހެޅުން ހުށަހަޅާފަ އެވެ. ނަމަވެސް އަރަމްބަގާއާ އެކު މައުރޫފުލް ދެ އަހަަރުގެ ކޮންޓްރެކްޓެއް އެބައޮތެވެ. ކޯޗިން އެޑްވަޒަރު ގެންނަނީ، އޭއެފްސީ ކަޕުގެ މެޗުތަކަށް ހާއްސަ ކޮށްގެންނެވެ. ޓީމަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ގެނައުމަށްވެސް ކުލަބުގެ ބޯޑުން ވަނީ ނިންމާފަ އެވެ.

"އޭއެފްސީ ކަޕަށް ހާއްސަކޮށް އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ސްކޯޑް ވަރުގަދަ ކުރުން، އެ މަސައްކަތް އަހަރެމެން މިދަނީ ކުރަމުން، ސައިފް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓާ ނާސިރު އުޑިން ޗައުދަރީ އެ ގައުމުގެ 'ޖަގޯ ނިއުސް 24' އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"[ބަންގްލަދޭޝް ޕްރިމިއާ] ލީގްގެ ދެ ވަނަ ބުރުގައި އަހަރެމެންނަށް އެންމެ ބޮޑަށް މައްސަލަ ކުރިމަތިވީ މިޑްފީލްޑް ލައިންގައި، ޖަމާލް ބުއްޔާން އަދި އަލީ އާމިން އަށް އަނިޔާގެ ސަބަބުން ފުރަތަމަ 11 ގައި ދާއިމީކޮށް ނުކުޅެވުނު، ޗިޓަގޮންގް އަބްހާނީގެ ހައެއް ނުވަތަ ހަތް ކުޅުންތެރިން ގުޅޭނެ، އޭއެފްސީ ކަޕަށް 30 ކުޅުންތެރިންގެ ލިސްޓް ޖަނަވަރީ އަށެއް [އަންނަ ހޯމަދުވަހު] ފޮނުވާނަން.

މިޑްފީލުޑް ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން ވަނީ އުޒުބްކިސްތާންގެ މިޑްފީލްޑަރެއް ކަމަށްވާ ވަޖުނަބޯވް ގެނައުމަށް ނިންމާފަ އެވެ. ނާސިރު އުޑިން ވިދާޅުވީ ޓީމުގެ އެހެން ބިދޭސީ ކުޅުންތެރިނާއި އެކުއެކީގައި ވަޖުނަބޯވްވެސް ޓީމާ ގުޅޭނެ ކަމަށެވެ.

ޓީސީ އާއި ސައިފް ސްޕޯޓްސް ކުލަބުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗު ކުޅޭނީ މިމަހު 23 ވަނަ ދުވަހު ބަންގުލަދޭޝްގައެވެ. ދެ ވަނަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހު 30 ވަނަ ދުވަހު ރާއްޖޭގައެވެ. ޕްރިލިމިނަރީ ރައުންޑު ކާމިޔާބު ކުރާ ޓީމު ދާނީ ޕްލޭއޮފް ބުރަށެވެ. ޕްލޭއޮފް ބުރުގައި ވާދަ ކުރަން ޖެހޭނީ، އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓަޑް ކުޅޭ ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރަށް ތައްޔާރުވުމަށާއި ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް، ޓީސީގެ ޕްރެކްޓިސް މާދަމާ ފަށާ ގޮތަށް އެޓީމުން ވަނީ ތާވަލު ކޮށްފަ އެވެ.