އަލީ ސުޒޭން

ޓީމު ކުޑަވިޔަސް ޗެލެންޖު ބޮޑު: ސުޒޭން

Jan 4, 2018

ގްރީން ސްޓްރީޓްގެ ކޯޗް ކަމާ، ރާއްޖޭގެ އެންމެ މަޝްހޫރު ކޯޗް އަލީ ސުޒޭން ހަވާލުވުމުން، ދެން އެނބުރެން ފެށީ އެހެން ވާހަކަ އެކެވެ. ކޯޗެއްގެ ގޮތުގައި 12 ތަށި ހޯދާފައިވާ ސުޒޭން، ގްރީން ސްޓްރީޓްއާ ހަވަލުވާން ނިންމީ ކީއްވެ ހެއްޔެވެ. ތަށި ހޯދޭނެ ފެންވަރުގެ ކުލަބަކާ ސުޒޭން ހަވާލު ނުވީ ކީއްވެ ހެއްޔެވެ. ކުރިއަށް އޮތް ސީޒަނަކީ ފުރަތަމަ ޑިވިޝަންގައި، ގްރީންގެ ދެ ވަނަ ސީޒަންއެވެ.

އެ ސުވާލުތައް ހިފައިގެން، ގޮސް ސުޒޭން އަށް ހުށަހެޅުމުން، އޭނާ ދިން ޖަވާބުތައް މިއޮތީ އެވެ. އޭނާ ބުނަނީ ގްރީންއާ ހަވާލުވީ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުގެ ކޯޗިން ކެރިއާގެ ވެސް ފަހު ކޮޅު މިއީ މިހެން މިބުނީ މިހާރު އުމުރުން އެހާ ހިސާބަށް ދިޔައީމަ، އަނެއްކާ އަޅުގަނޑަކީ އަބަދުވެސް ކެރިއަރުގައި ޗެލެންޖުތަކާ ކުރިމަތިލާން ބޭނުންވާ މީހެއް އެގޮތުން އަނެއްކާވެސް ޗެލެންޖެއް ނެގުމުގެ ގޮތުން ގްރީންއާ ހަވާލުވީ،" ސުޒޭން 48، ބުންޏެވެ. "ކުޑަ ޓީމެއް ކަމަށް އެ ބުނަނީ ފުޓްބޯޅައިގެ މާ ބޮޑު ތާރީހެއް ނެތުމުން ކަމަށް ވެދާނެ، ނަމަވެސް އަޅުގަނޑު ދުށިން ކުރިން ވިކްޓަރީގައި ޓީމު ހަމަނުވެގެން އުޅެން ޖެހުނު ދުވަސްވަރެއް ވެސް، އެހެންވީމަ ބޮޑު ޓީމަކަށް ވުމަކުން އަނެއްހެން ލިބޭނެ އިތުރު ކަމެއް ނެތް."

ސުޒޭން ބުނީ، އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގްރީން ސްޓްރީޓްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރަނގަޅު ޓީމެއް ހެދިއްޖެނަމަ ގްރީންއަކީ ބޮޑެތި ޓީމުތަކާ ޗެލެންޖު ދެވޭނެ ޓީމެއް ކަމަށް އޭނާ ބުންޏެވެ.

"ޗެލެންޖު ބޮޑު މަސައްކަތެއް، އެ ޗެލެންޖު ނަގައިގެން މަސައްކަތް ކޮށްފިނަމަ ގްރީން އަކީ ބޮޑު ޓީމަކަށް ހެދޭނެ." ސުޒޭން ބުންޏެވެ.

އޭނާ ބުނީ، އޭނާ ތަށި ހޯދާ ވާހަކަ ދެއްކުން އެއީ އޭނާ އަށް މިހާރު އާ ކަމެއް ނޫން ކަމަށެވެ. އެހެންވެ ތައްޓަށް ވުރެ އޭނާގެ ވިސްނުން ހުރީ ބޮޑެތި ޗެލެންޖު ނަގައިގެން ކުރިއަށް ދިއުން ކަމަށް ސުޒޭން ބުންޏެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ކުރިން ވިކްޓަރީ، ވެލެންސިއާ، ނިއުލެގޫންސް އަށް ކުޅުނު ސުޒޭން ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ، މާޒިޔާ، އަދި، ގދ. ތިނަދޫގައި މަސައްކަތް ކޮށްފަ އެވެ. އަދި ކުރިން ބޭއްވި ޒޯން ޗެމްޕިއަންސް ލީގްގައި ހިންނަވަރުގެ ދެ ޓީމަކަށް އޭނާ ކޯޗް ކޮށްދިނެވެ. އޭނާ އެންމެ ފަހުން ހުރީ، ގދ. ތިނަދޫ ޓީމުގެ ކޯޗުގެ ގޮތުގައެވެ.

ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ބުރުގައި، ތިނަދޫ ޓީމާ ހަވާލުވެ، އެ ޓީމު ގަދަ ހަތަރަކަށް ގެންގޮސްދީ، ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރި އެވެ.