ދުނިޔެ

އުމުރުން 84 އަހަރުގައިވެސް ދުވަނީ!

އުމުރުން 80 އިގެ އަހަރުތައް ގުނަމުން ދާއިރު ދިރިއުޅުން ހުންނާނީ ކިހިނެތް ބާވައެވެ؟ އުޅޭނީ މިނިވަންކަމާއެކު އަމިއްލަ ކަންތައް އަމިއްލައަށް ކޮންގެން ބާވައެވެ؟ ބޭރު ތެރޭގައި ފެނިދެނިވެ އުޅޭ އެކުވެރިން ތިބޭނެ ބާވައެވެ؟ އުމުރުން ދުވަސްވުމާ މެދު ވިސްނާލީމާ މިފަދަ އެތައް ސުވާލެއް ހިތަށް އާދެއެވެ. ބަލައިގެން އުޅެފިއްޔާ ވާނެ ކަމަށް ގިނަ މީހުން ބުނާނެއެވެ. އެއީ ބުނެލަަން ފަސޭހަ ވާހަކައެކެވެ. އެކަމަކު ހަގީގަތުގައި އެއީ އަހަރެމެން އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވެއެވެ.

އަހަރެމެން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އުމުރާއި މިޒަަމާނުގެ ގިނަ މީހުން ދިރި އުޅޭ އުމުރު ދިގުވެފައިވާ ކަމަށް ވެދާނެއެވެ. އެކަމަކު ހަގީގަތަކީ އެގޮތުން އިތުރުވާ އަހަރު ތަކުގެ ބޮޑު ބައި އަހަރެމެން ހޭދަ ކުރަނީ ބަލި އެނދުގައި ކަމަށް ވުމެވެ.

އިނގިރޭސިވިލާތުގެ އާބާދީގެ 8.45 މިލިޔަން މީހުން 100 އަހަރު ވަންދެން ދިރިއުޅޭނެ ކަމަށް އެ ގައުމުގެ އޮފީސް ފޯ ނެޝަނަލް ސްޓެސްޓިކްސް އިން ލަފާ ކުރެއެވެ. އެއީ އިނގިރޭސިވިލާތުގެ ކޮންމެ އަށް މީހަކުން އެކަކެވެ.

އުމުރުން ދުވަސްވީ މީހުން ގިނަ ވުމަކީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ކަމެކެވެ. ލަފާކޮށްފައިވާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީ 2050 ވަނަ އަހަރު 1.5 ބިލިޔަނަށް އަރާނެއެވެ. އެއީ މިހާރު ތިބި އެ އުމުރުގެ މީހުންނަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

އެމެރިކާގެ ކެލިފޯނިއާ އަކީ އުމުރުން ދުވަސްވުމާ ބެހޭ ގޮތުން އެންމެ ގިނައިން ރިސާޗްކުރާ އެއް ތަނެވެ. ބީބީސީގެ ނޫސްވެރިޔާ ފާގަސް ވޯލްޝް ވަނީ ކެލިފޯނިއާ ސްޓެޓަށް ދަތުރުކޮށް ސައިންޓިސްޓުންނާއި އުމުރުން ދުވަސްވީ އިރު ވެސް ދުޅަހެޔޮކޮށް ތިބި ބައެއް މީހުންނާ ބައްދަލުކޮށްފަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ އާނީ އޮބީރާއެވެ. އުމުރުން 84 އަހަރު އާނީ އަކީ އެ އުމުރުގެ މީހުންގެ ތެރެއިން މުޅި ދުނިޔޭންވެސް އެންމެ ބާރަށް ދުވާ މީހާއެވެ. އޭނާ ދުނިޔޭގެ ރެކޯޑްތައް މުގުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

އާނީގެ ހަށިގަނޑާއި ހަރަކާތްތަކަށް ބަލާފައި އޭނާއަށް ހަަމަ އަސްލުވެސް 84 އަހަރު ވެއްޖެ ބާއޭ ހިތަށް އަރާނެ އެވެ.

އޭނާގެ ފަލްސަފާ ވަރަށް ސާދާއެވެ. "ހުއްޓައިލާ މީހަކަށް ކާމިޔާބެއް ނުކުރެވޭނެ. ކާމިޔާބު ކުރާ މީހަކު ހުއްޓައެއް ނުލާނެ،" އާނީގެ ފަލްސަފާ އަކީ މިއެވެ. އޭނާ ބޭނުން ވަނީ ކާމިޔާބުކުރާ މީހެއްގެ ގޮތުގައި ދެމިހުންނާށެވެ. ކާމިޔާބުކުރާ މީހަކަށް ވުމަށް ޓަކައި ވަރުގަދަ އަޒުމަކާ އެކު ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ.

ކެލިފޯނިއާގެ މައި ރަށެއް ކަމަށްވާ ސެން ފްރެންސިސްކޯގެ ކައިރިގައި ދިރިއުޅޭ އާނީ ދުވުމުގެ އިތުރުން ވެސް އެތައް ކަމެއް ކުރެއެވެ. އޭނާ ޖިމަަށް ދެއެވެ. ޓެނިސް ކުޅެއެވެ. މުޅި ދުވަހު ވެސް އޭނާ އުޅެނީ ހަރަކާތްތެރިކޮށެވެ.



" ތިބާ އެ( ފުތުސަތު ) ބޭނުން ކުރަންވީ އެހެން ނޫނީ ނަގައިލަންވީ" ބީބީސީއާ ވާހަކަ ދައްކަމުން އާނީ ބުނެފައި ވެއެވެ.

އާނީ ބަލި އެނދުގައި އޮންނަން ޖެހުނި އެންމެ ފަހަރަކުއެވެ. އެ ފަހަރު ބަލިވީވެސް އަމިއްލައަަށް ކުރި ކުރެވުނު ކަމަކުންނެވެ. އެފަހަރު ވީ ކަމަކީ ޖިމްގަައި ބޭނުންކުރާ ބަރެއް ވެއްޓި ފައިގެ އިނގިލިތަކަށް ގެއްލުމެއް ލިބުމެވެ.

އާނީގެ ދިރިއުޅުން ހުއްޓިފަައި ވަނީ ހަމަ އެކަނި ކަސްރަތާއި ކުޅިވަރަކާ ނޫނެވެ. އޭނާގެ އިޖުތިމާއީ ގުޅުންތައް ވެސް ވަރަށް ރަނގަޅެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ބައްދަލުވާ މީހުންނާ އޭނާއާ ގާތް ގުޅުމެއް އޮވެއެވެ. އަދި އޭނާ ދިރުއުޅޭ މުޖުތަމައުގައި ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކުގައި ވެސް ބައިިވެެރިވެއެވެ.

ދޮށީ އުމުރުގައި ދުޅަހެޔޮކޮށް ތިބުމަށް ޓަކައި ހަރަކާތްތެރިކުރުވަން ޖެހެނީ ހަށިގަނޑު އެކަންޏެއް ނޫނެވެ. ނަފުސާނީ ދުޅަހެޔޮކަން ދަމަހަައްޓަން ސިކުނޑިވެސް ހަރަކާތްތެރިކުރުވަން ޖެހެއެވެ.

އެކަމަށްޓަކައި އޭނާ ވަނީ ފްރެންޗްސް ލިޓްރެޗާ ކިޔަވައިދޭ ތަނަކާ ގުޅިފައެވެ.