ދުނިޔެ

އެމެރިކާގައި ދެވަނައަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން

އެމެރިކާގައި ދެވަނައަށް އެންމެ ބައިގިނަ ދީނަކަށް 2040 ވަނަ އަހަރު ވާނީ އިސްލާމްދީން ކަމަށް ސާވޭއަކުން ދައްކައިފިއެވެ.

'ޕިއު ރިސާޗް ސެންޓަރް" ނަމަކަށް ކިޔާ ރިސާޗް ސެންޓަރަކުން ކުރި ސާވޭއަކުން އެނގިފައިވާ ގޮތުގައި އެމެރިކާގައި މިދިޔަ 2017 ވަނަ އަހަރު ތިބީ 3.45 މިލިޔަން މުސްލިމުންނެވެ. އެއީ އެގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ.

ސާވޭއިން އެނގިފައިވާ ގޮތުގައި އެމެރިކާގައި މިހާރު ދެވަނައަށް އެންމެ ގިނައީ ޔަހޫދީންނެވެ. ނަމަވެސް 2040 ވަނަ އަހަރާ ހަމައަށް ދާއިރު އެކަން ބަދަލުވެ، ޔަހޫދީންނަށް ވުރެ މުސްލިމުން ގިނަވާނެ ކަމަށް ސާވޭ ކުރި މީހުން ލަފާ ކުރެއެވެ. އެއީ މިހާރުވެސް މުސްލިމުންގެ އާބާދީ ޔަހޫދީންގެ އާބާދީއަށް ވުރެ އަވަހަށް އިތުރުވަމުން ދާތީއެވެ.

މިހާރު އިތުރުވަމުންދާ ރޭޓުން އިތުރުވާނަމަ 2050 ވަނަ އަހަރު އެމެރިކާގައި 8.1 މިލިޔަން މުސްލިމުން ތިބޭނެއެވެ. އެއީ އާބާދީގެ 2.1 ޕަސެންޓެވެ.

ފިއު ރިސާޗް ސެންޓަރުން އާބާދީގެ ސާވޭ ކުރަމުން ދިޔަ އިރު ، އެމެރިކާގައި މުސްލިމުން އިތުރުވަމުން ގޮސްފައި ވަނީ އަހަރަކު 100000 ގެ ރޭޓުންނެވެ. އެގޮތަށް އިތުރުވަމުން ދިޔައީ އެގައުމަށް ހިޖުރަކުރާ މުސްލިމުންގެ އަދަދު އިތުރުވުމާއި އެގައުމުގައި ތިބި މުސްލިމުންނަށް ދަރިން ލިބޭ މިންވަރު އިތުރުވަމުން ދިއުމުންނެވެ.

" އަހަރެމެންގެ ފުރަތަމަ( 2007 ވަނަ އަހަރުގެ) އަންްދާޒާގެ ފަހުން މުސްލިމުންގެ އާބާދީ ވަނީ ވަރަށް އަވަހަށް އިތުރުވެފައި،" ޕިއު ރިސާޗްސެންޓަރުގެ ރިޕޯޓުގައި ވެއެވެ.

އެމެރިކާގައި މިހާރު އެންމެ ގިނައީ ނަސާރާއިންނެވެ. އެއީ އެގައުމުގެ އާބާދީގެ 71 ޕަސެންޓެވެ. -- އަލް ޖަޒީރާ