ކުޅިވަރު

ރަނގަޅު ޕްރީސީޒަނަކުން، ބޮޑު ހައްލެއް ހޯދޭނެ!

އުތުރު ރަށެއްގައި، މިހާރު ހިނގަމުން މިދާ ބޮޑު ޗުއްޓިގައި ކުރިއަށް ގެންދިޔަ މުބާރާތެއްގެ ޚަބަރެއް ޖަހައިދިނުމަށް އެދުނު ފަރާތަކުން އެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅޭ ކަމަށް ބުނެދިނެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅައިގެ އޮފް ސީޒަނެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އޮތް ވަގުތެވެ. އާ ސީޒަނަށް ތައްޔާރު ވުމަށް ޕްރީ ސީޒަން ޕްރޮގްރާމް ޕްލޭންކޮށްގެން ކުރިއަށް ދާން ޖެހޭ ވަގުތެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިން، ރަށްރަށުގައި ކުރިއަށް ދިޔަ ކޮމިޔުނިޓީ މުބާރާތުގައި ކުޅެމުން ދަނީ އެވެ. މިހެން ދިމާވާން ޖެހޭ ސަބަބަކީ ރަނގަޅު ޕްރީ ސީޒަން ޕްލޭނެއް ނެތުމުންނެވެ.

އާ ސީޒަން ތާޒާ ކަމާއެކު ފަށަނީ ކިތައް ކުޅުންތެރިން ހެއްޔެވެ. ނުވަތަ ކިތައް ޓީމު ހެއްޔެވެ. ސީޒަންގެ މެޗުތައް ކައިރިކައިރީގައި ކުޅެންޖެހުމުން، ކުލަބުތަކާއި ކޯޗުން ޝަކުވާ ބޮޑު ވެއެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުވެސް އޮންނަ ޝަކުވާ ތަކެކެވެ. މެޗުތައް ކައިރިކައިރީގައި ކުޅެން ޖެހުމުން، ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރުކޮށް ގިނަ އިންޖަރީ ތަކާއި ކުރިމަތިލާން ޖެހެއެވެ. ސީޒަންގެ ފަހު ކޮޅަށް އެޅޭއިރު މަޝްހޫރު ބައެއް ކުޅުންތެރިންގެ ފަރާތުން ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

"ރަނގަޅު ޕްރީ ސީޒަނެއް ހެދޭނެމަ، ޝެޑިއުލް ޓައިޓްވެގެން ކަންބޮޑުވާކަށް ނުޖެހޭނެ، އެކަން ކުޑަ ކުރުމަށްޓަކައި ޓީމުތަކުން ވެސް އެބަޖެހޭ ރަނގަޅު ޕްރީ ސީޒަނެއް ހަދަން." 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނި ގޮތުގައި ޕްރީ ސީޒަނަކީ، އާ ސީޒަނަށް "އަޅާ ފައުންޑޭޝަނެ" ވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން، ކޮންމެ އަހަރަކުވެސް ދިގެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ފެށި ސީޒަން، އެކި ސަބަބުތަކާހުރެ ނިމުނީ ޑިސެމްބަރު ދެބައިވީ އިރުއެވެ. ދިގު ސީޒަނަކަށް ތައްޔާރު ވެވޭނީ ރަނގަޅު ޕްރީ ސީޒަނެއް ހެދިގެންނެވެ.

"ޕްރީ ސީޒަން ޓްރެއިނިންނޭ ކިޔަސް، ހަގީގަތުގައި ރާއްޖޭގައި ނޯވޭ ޕްރީ ސީޒަން ޕްރޮގްރާމެއް ގޮތަށް އެކަން ޕޮރޮފެޝަނަލީ ރަނގަޅަށް ކުރާ ބައެއް،" ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުންޏެވެ. "މިދިޔަ އަހަރު މާޒިޔާއިން ކޮންމެވެސް ވަރަކަށް ޕްރީ ސީޒަނެއް ގޮތަށް މަސައްކަތްތަކެއް ކުރިތަން ފެނުނު."

ރާއްޖެއަށް އަންނަ ބައެއް ބިދޭސީ ކޯޗުންގެ ޕްލޭންގެ ދަށުން، ޕްރީ ސީޒަންގެ ޕްރޮގްރާމެއް ގޮތަށް ޓްރެއިނިންތައް ކުރިއަށް ގެންދަން މަސައްކަތް ކުރެ އެވެ. އެގޮތުން މިދިޔަ ސީޒަންގައި މާޒިޔާގެ ކޯޗް ކަން ކުރި، މެސަޑޯނިއޯގެ މަރުޔާން ސެކްލޮސްކީ ވަނީ ޕްރީ ސީޒަން ސްޓައިލަށް ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ އަހަރު މާޒިޔާއިން ފެށީ އެހެން ޓީމުތަކަށް ވުރެ މާ ކުރިންނެވެ. އެހެންވެ، ޓްރެއިނިންތައް ކުރިއަށް ގެންދަން ފުރުސަތު ލިބުނެވެ.

ޕްރީ ސީޒަން ޕްރޮގްރާމަކީ، ކުލަބުގެ ޓްރެއިނިންތަކެއް އެކަންޏެއް ނޫނެވެ. އެއީ ކުޅުންތެރިންވެސް އަމިއްލަ އަށް ވަކިކަންކަމަކަށް ވިސްނަގައިގެން ވަކި ކަމެއް ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަންކަމެވެ. އާ ސީޒަނަށް ޓީމުގެ ޓްރެއިނިން ފެށުމުގެ ކުރިން، ކުޅުންތެރިންގެ އަމިއްލަ މަސްއޫލިއްޔަތެއް ވެސް އޮވެއެވެ. ކުރިއަށް ސީޒަނަށް ފިޓްކޮށް ހުރުމެވެ.

ނަމަވެސް ރަށްރަށުގައި ކުޅޭ ކޮމިޔުނިޓީ މުބާރާތްތަކުގައި ކުޅެން ގޮސްގެން އާ ސީޒަނަށް ތާޒާ ކަމާއެކު ތައްޔާރު ވެވިދާނެތޯ ސުވާލު އުފެ ދެއެވެ. ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ކާރަކު ބުނި ގޮތުގައި ޕްރީ ސީޒަން ޓްރެއިނިން ފަށާއިރުވެސް، ބައެއް ކުޅުންތެރިން ތިބެނީ ލޮޑުވެފަ އެވެ.

"އެހެން ވާން ޖެހެނީ، ކުޅުންތެރިން އަމިއްލައަށް ނުވިސްނާތީ، ރަށްރަށުގައި ބޮޑު ޗުއްޓިގައި އޮންނަ މުބާރާތް ކުޅެން ގޮސް އަންނަ އިރު ކުޅުންތެރިން ތިބެނީ ލޮޑު ވެފައި، އެހެންވެ ސައިކޮލަޖިކަލީ ވެސް ތައްޔާރެއް ނުވޭ، ޗުއްޓީގައި ރަށްރަށުގައި އޮންނަ މުބާރާތްތައް ކުޅެފައި ދެން ކިހިނެއް އާ ސީޒަނަށް ތައްޔާރު ވަނީ، ޗުއްޓީގައި ވަރަށް މުހިންމު ކަމެއް ރަނގަޅު ޗުއްޓީއެއް ހެދުން، ނަމަވެސް ރަނގަޅު ޗުއްޓިއެއް ހޭދަ ކުރަނީވެސް މަދު ކުޅުންތެރިޔެއް." އޭނާ ބުންޏެވެ.

"އާ ސީޒަނަށް ރަނގަޅަށް ތައްޔާރުވާ ކަމަށްވާނަމަ، ރަށްރަށަށް ގޮސް އެހެން މުބާރާތެއްގައި ކުޅުމަކީ އެހާ ރަނގަޅު ކަމެއް ނޫން،" 2016 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދި މުހައްމަދު ނިޒާމް ބުންޏެވެ. "އެ ގޮތަށް މުބާރާތް ކުޅެފައި ޓީމު ޕްރެކްޓިސް ފަށަންވާއިރަށް އައީމަ، ޕްރީ ސީޒަން ޓްރިނިންގެ ތެރެއިން ވެސް ކުޅުންތެރިންނަށް އަނިޔާވާ ގޮތް ދިމާވޭ."

ނިޒާމް ބުނި ގޮތުގައި ޓީސީއަކީ ދެ ވަނަ ޑިވިޝަނުން ފެށިގެން، ސީޒަން ފެށުމުގެ ކުރިން މަދު ވެގެން ހަ ހަފުތާ ޕްރީ ސީޒަން ޓްރެއިނިން ކުރިއަށް ގެންދާ ޓީމެކެވެ.

ވިކްޓަރީ އާއި އައިއެފްސީގެ ކުރީގެ ކޯޗް އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކޮށްފައިވާ މައުރޫފް އަހްމަދު (މާއްޓޭ) ބުނި ގޮތުގައި ރާއްޖޭގެ ކުލަބުތަކުން ކުޅުންތެރިންނަށް، ޕްރީ ސީޒަންގެ ޕްރޮގްރާމްތައް އެކަށައަޅައި ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ރާއްޖެ ކަހަލަ ސެމީ ޕްރޮފެޝަނަލް ގައުމުތަކުގައި ޕްރީ ސީޒަންގެ ގޮތުގައި މަދުވެގެން އަށް ހަފުތާގެ ޓްރެއިނިން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މާއްޓޭ ބުނެ އެވެ.

"ކޯޗުންނާއި ޓީމުގެ ޓެކްނިކަލް ސްޓާފުން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ޕްރީ ސީޒަންގެ ޕީރިއަޑްގައި ކުޅުންތެރިންގެ ފިޒިކަލީ، ޓެކްނިކަލީ، ޓެކްޓިކަލީ އަދި ހާއްސަކޮށް ސައިކޮލިޖަކަލީ ވެސް ތައްޔާރު ކުރުމަށް،" މާއްޓޭ ބުންޏެވެ. "ސެމީ ޕްރޮފެޝަނަލް ލެވަލްގައި، ސީޒަންގެ ފުރަތަމަ ރަސްމީ މެޗުގެ ކުރިން މަދުވެގެން އަށް ހަފުތާގެ ޓްރެއިނިން ޓީމުތަކުން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް."

ކުޅުންތެރިންނަކީ، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ކުލަބުތަކުން މަސައްކަތް ކުރަން ޖެހެއެވެ. ޕްރީ ސީޒަން ހޭދަ ކުރާނެ ގޮތުގެ ޕްލޭންތައް ކުލަބުތަކުން ކުޅުންތެރިންނަށް ފޯރު ކޮށްދޭން ޖެހެއެވެ. އަދި މީގެ އިތުރުން ކުޅުންތެރިންވެސް، ފިޓްނަސް ލެވަލް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަން ސޮބާ ފާހަގަ ކުރި އެވެ.

"ކުޅުންތެރިން އަމިއްލަ އަށް ވެސް ކުރަން ޖެހޭނެ، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ކޮންޑިޝަނަށް، އަދި އިންޓެންސިޓީ ހިފެހެއްޓުމަށް، އެކަމަށް ސަމާލުކަން ދީގެން އަމިއަލައަށް މަސައްކަތް ކުރަން ޖެހޭނެ." ސޮބާ ބުންޏެވެ.

ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރި، މިހާރު ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ)ގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި ގޮތުގައި ދުރާލައި ޕްލޭން ކޮށްފައިވާ ޕްރީ ސީޒަން ޕްލޭނަކުން، އަހަރުގެ ދިގު ސީޒަންގައި ވެސް ކުޅުންތެރިން ފިޒިކަލީ އެއްވަރެއްގައި ހުރުމަށް ބާރު އަޅައިދޭނެ އެވެ.

"ޕްރީ ސީޒަނަކީ، ކުޅުންތެރިންނާއި ކުލަބުތަކަށް ވަރަށް މުހިންމު އެލެމެންޓެއް، މުބާރާތުގެ ކުރިން ކުޅުންތެރިންގެ ފެންވަރާއި ހާލަތު ދެނެގަނެވޭނެ އަދި ސީޒަންގެ މުބާރާތްތަކާ ކުރިމަތިލާއިރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ މަރުހަލާއަކީ ޕްރީ ސީޒަން،" އޭނާ ވިދާޅުވި އެވެ.

"ދުރާލައި ޕްލޭންކޮށްގެން ރަނގަޅަށް އެކުލަވާލާފައި އޮންނަ ޕްރީ ސީޒަން ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދެވިއްޖެނަމަ އަހަރު ތެރޭ އަންނަ ދިގު ސީޒަނާ ކުރިމަތިލާއިރު ކުޅުންތެރިންނަށް ފިޒިކަލީ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ފިޓްކޮށް ހުރުމަށްޓަކައި."

އާންމުކޮށް ދިވެހި ކުޅުންތެރިން 30 އަހަރުން މައްޗަށް، ދިއުމުން ކުޅުން ހުއްޓާލުމުގެ ވިސްނުން ގެންގުޅެ އެވެ. ނުވަތަ 30 މައްޗަށް ދިއުމުން ފުޓްބޯޅައިގެ ރިދަމް ގެއްލޭ ގޮތް ވެއެވެ. މަދު ކުޅުންތެރިޔެއް ފިޔަވައެވެ. އޭގެއިން އެންމެ ހާއްސަ ކުޅުންތެރިޔަކީ، އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އުމުރުން 37 އަހަރުގައި ވެސް އޮއްޕޮގެ ޖާދޫ މިދިޔަ ސީޒަންގައި އޭނާ ވަނީ ދައްކާލާފަ އެވެ. އެއީ ކޮންމެ އަހަރަކުހެން އަމިއްލަ އަށް ޕްރީ ސީޒަންގެ ޕްލޭންތައްކޮށްގެން ވަކި ގޮތަކަށް ކަންކަން ބަހައްޓާތީ އެވެ. ކުޑަ ހީނާ ބުނީ ޕްރީ ސީޒަނަކީ، ކުޅުންތެރިންނާއި، ކުލަބުތަކުގެ ރިދަމް ހިފެއްހެއްޓުމަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

ބައެއް ކުލަބުތަކުގެ ހާލަތު ހުރި ހިސާބަކީ، ޕްރެކްޓިސް ވެފަށަން އޮންނަ ތާރީހަށް ފެށޭ ގޮތް ނުވުމެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ދެމެދު މިހާރު މަހެއްހާ ދުވަސްވެސް ނެތެވެ. ނަމަވެސް މަޝްހޫރު ބައެއް ކުލަބުތައް ކަމަށްވާ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާގެ ސީޒަނަށް ތައްޔާރުވުމާ ބެހޭގޮތުން އެއްވެސް ޚަބަރެއް ތިލަ ނުވެ އެވެ.