ދުނިޔެ

ތުރުކީ އީޔޫއާ ގުޅުމުގެ އެއްވެސް ފުރުސަތެއް ނެތް: މެކްރޮން

ތުރުކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅުމުގެ އެއްވެސް ފުރުސަތެއް މިވަގުތަކު ނެތް ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަރިހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ ތުރުކީގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު އީޔޫއާއި އެގައުމާ ދެމެދު ހިޔާލު ތަފާތުވުންތައް އެބަބހުރި ކަމަށެވެ. އެގޮތުން ތުރުކީގައި 2016 ވަނަ އަހަރު ކުރި ބަޣާވާތާ ގުޅިގެން ފިޔަވަޅު އެޅުމުގައި އަމަލުކޮށްފައިވާ ގޮތެވެ.

ހަމަ އެ ކޮންްފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީޔޫއަށް ވަދެވޭގޮތްވޭތޯ ކެނޑި ނޭޅި މަސައްކަތްކޮކޮށް ތުުރުކީ ވަރުބަލިވެފައިވާ ކަމަށެވެ.

މެކްރޮން ވިދާޅުވީ ތުރުކީ އީޔޫއާ ގުޅުމުގެ ވާހަކަތައް ކުރިުޔަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ދެއްކުމުގެ ދެފުށްދެގޮތްކަން ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

" ޔޫރަޕިއަން ޔޫނިއަންއާ އެކު އޮތް ގުޅުމަށް ބަލާ ނަމަ، ފަހަކަށް އައިސް ހިނގި ކަންތައްތަކާއި ( ތުރުކީން) އިހުތިޔާރުކުރި ގޮތްތަކުން ޖާގައެއް ނުދޭ އަހަރެމެން އެކަމެއްގައި މަސްއޫލުވެގެން މިއުޅޭ ކަންތައް އިތުރަށް ކުރިއަށް ގެންދާކަށް،" މެކްރޮން ވިދާޅުވި ކަަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ތުރުކީ އީޔޫއާ ގުޅުމަށް ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތައް ހުއްޓައިލީ ބަޣާވާތަށް ފަހު އުރުދުޣާންގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެންނެވެ. ތުރުކީއަށް މެމްބަރުކަން ދިނުމާ މެދު އީޔޫން ގެންގުޅޭ ސިޔާސަތަށް އުރުދުޣާން ވަނީ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެކަމުގައި އީޔޫ މެމްބަރު ގައުމުތަކުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ. އެ ޖަމާއަތާ ތުރުކީ ގުޅެން ތުރުކީގެ ގިނަ ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ އީޔޫގެ މެމްބަރުކަން ތުރުކީއަށް ނުލިބުނަސް ފްރާންސާ އެގައުމާ ދެމެދު ވަރުގަދަ ގުުޅުމެއް އޮންނާނެ ކަަމަށެވެ.