ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ގުޅުން އިތުރަށް ބަދިކޮށް ދަމަހައްޓަން މަސައްކަތް ކުރުމަށް ޖަޕާނާއެކު މަޝްވަރާ ފަށައިފި އެވެ. މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވަނީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.
ޓަރޯ ކޯނޯ އަކީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް ވަޑައިގެންނެވި ޖަޕާނުގެ ފުރަތަމަ ފޮރިން މިނިސްޓަރެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ދެ މިނިސްޓަރުން ބައްދަލު ކުރައްވައި ބޭއްވި ރަސްމިއްޔާތުގައި ޓަރޯ ވަނީ ރާއްޖެއަށް ވަޑައިގެންނެވުނީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާ ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ވަޑައިގެންނެވުމުން އުފާފުޅު ކުރައްވާކަމަށާއި ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ދެކިލުމަކީ އަބަދުވެސް ކުރެއްވި އުންމީދެއް. ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި ވަގުތުގައި ރާއްޖެއަށް އާދެވުމުން މިހުރީ ވަރަށް އުފާވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޓަރޯއަށް މަރުހަބާ ވިދާޅުވެ މިނިސްޓަރު އާސިމް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ފޮރިން ޑެލިގޭޝަނެއްގެ ގޮތުގައި ޓަރޯ ވަޑައިގެންނެވުމުން އުފާފުޅުކުރައްވާ ކަމަށެވެ.
"ޖަޕާނަށް މިއީ ވަރަށް ފިނި ދުވަސްކޮޅެއް. އަޅުގަނޑު ގަބޫލު ކުރާ ހިތް ވަނީ މިނިސްޓަރު ޓަރޯއަށް މި ދަތުރުފުޅަކީ ރާއްޖެ ފަދަ ހޫނު ގައުމެއްގައި އުފާވެރި ދުވަސްކޮޅަކަށް ވެގެންދާނެ ކަމަށް. ދުނިޔެއަށް މަޝްހޫރު ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ ހިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ އުފާވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް. ޖަޕާނަކީ ރާއްޖެއަށް އަބަދުވެސް ހެޔޮ އެދޭ ރަހުމަތްތެރިއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އާސިމް ވަނީ ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮށްފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.
ދެމިނިސްޓަރުންގެ ބައްދަލުކުރެއްވުމާއެކު ދެގައުމުގެ ގުޅުން ވަރުގަދަކުރުމަށް ޖަޕާނާއެކު ރާއްޖެއިން ކުރާ މަޝްވަރާތައް މިއަދު ވަނީ ފަށާފައެވެ.