ރާއްޖޭގެ ސިއްހީ ދާއިރާގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ޖާޕާނުން ރާއްޖެއަށް 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.
ޗަޕާނުގެ، ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރޮގްރާމުން މި އެހީ ރާއްޖެއަށް ދީފައި ވަނީ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިހާރު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ. އެ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު އާސިމް ސޮއި ކުރެއްވި އިރު ޗަޕާނުގެ ފަރާތުން ސޮއި ކުރެއްވީ، ޗަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ އެވެ.
މި އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޗަޕާންގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާސިމް ވިދާޅުވީ ޗަޕާނަކީ ރާއްޖެއަށް އެންމެ ބޮޑު އެހީދޭ އެއް ގައުމު ކަމަށާއި ރާއްޖޭގެ ތަރައްގީގައި އެ ގައުމުގެ އެހީތެރިކަން ބޮޑު ކަމަށެވެ. އަދި ޗަޕާނުގެ އެހީތަކަށް ޝުކުރު އަދާ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޗަޕާނުގެ އިތުރު އެހީތައް ރާއްޖެއަށް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ޗަޕާނަށް މިނިސްޓަރު މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ވަނީ އެ ގައުމުގެ ބައެއް އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. މީގެ އިތުރަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި، ރާއްޖެ-ޖަޕާންގެ ޑައިލޮގުގެ ފުރަތަމަ ބުރުގެ މަޝްވަރާތަކެއް ބޭއްވެވި އެވެ. އަދި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން އިންތިޒާމްކޮށްގެން ޓްރެވަލް ޓްރޭޑް މަންދޫބުންނަށް ބޭއްވި ސެމިނާއެއްގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަތް މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.