ހަބަރު

ރޭޕް ތުހުމަތުވާ މީހާ ވަގުތުން ހައްޔަރުކުރަން ރިޔާޒު ގޮވާލައްވައިފި

ފުރާވަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތުވާ މީހާ ވަގުތުން ހައްޔަރުކުރުމަށް ކުރީގެ ސީޕީ އަބްދުﷲ ރިޔާޒު ފުލުހުންނަށް މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެއްގެ އާއިލީ މެންބަރަކު، 19 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ ބުދަ ދުވަހުގެ ރޭ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފަ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގަ އެވެ. އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް އެ ރޭ ދިޔުމުން ކަމަށް ހުދު އެ އަންހެން ކުއްޖާ ވަނީ އަވަސްއަށް ބުނެފަ އެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ، ރޭޕްގެ ތުހުމަތުވާ މީހަކަށް އެއްވެސް ހިމާޔަތެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރޭޕް ކުރުމުގެ ހަޑި އަމަލު ހިންގާ މީހުންނަކީ މުޖުތަމައުގެ ހުރިހާ އަންހެނުންނަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.

"އެމީހާ ދެކޮޅަށް ފުލުހުން ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ، އެއާއެކު އޭނާ ވަގުތުން ހައްޔަރުކުރަން ވެސް ޖެހޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ރޭޕްގެ ޝިކާރައަކަށްވި އެ އަންހެން ކުއްޖާ "އަވަސް"އަށް ކިޔައިންދިން ގޮތުގައި، އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފަ ކަމަށް ކުއްޖާ ކިޔައިދިނެވެ.

މި ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ އަށެއް ޖަހާއިރު މި ހާދިސާ ހިނގިއިރު، ރޭޕްގެ ވާހަކަ ސިއްރުކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އެ ފައިސާގައި އޭނާ ހިފާފައެއް ނުވެ އެވެ. އޭނާއަށް އެ ސްޓޫޑިއޯއިން ނުކުމެވުނީ އެ ރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އޭރު ރޮއެ ރޮއެ ހަލާކުވެފައިވާ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އަސަރާ އެކު އެ ވާހަކަ ކިޔައި ދެމުން އޭނާ ބުންޏެވެ.

ހޮސްޕިޓަލްގެ ޓެސްޓްތައް ހެދުމަށްފަހު އަންހެން ކުއްޖާގެ ބަޔާން ފުލުހުން ނަގާފައިވެ އެވެ. އެ އަންހެން ކުއްޖާ ބުނި ގޮތުގައި އެ ރޭ ފަތިހު 6:30 ވަންދެން ފުލުހުންނަށް އެ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިނުމުގައި ޕޮލިސް ސްޓޭޝަންގައި ހޭދަކުރި އެވެ. އަދި ފުލުހުންގެ ވެހިކަލްގައި ގޮސް، އެ ހާދިސާ ހިނގި ސަރަހައްދު ވެސް ފުލުހުންނަށް ދައްކާފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންހެން ކުއްޖާގެ އަންނައުނުގައި އެމީހާގެ ޑީއެންއޭ ހުރުމުން އެ ވަނީ ހެކީގެ ގޮތުގަ ނަގާފަ އެވެ.

އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ބުނާ މީހާގެ މައުލޫމާތު ވެސް އޭނާ ހާމަކުރި އެވެ. ނަމަވެސް އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އޮތް ގޮތުން އަދި އެމީހާގެ މައުލޫމާތު ހާމަ ކުރެވެން ނެތެވެ.

ސިޔާސީ އިސް ބޭފުޅެއްގެ އާއިލީ މީހަކަށް އޭނާ ވާއިރު އަންހެން ކުއްޖާގެ ބައެއް ރައްޓެހިން ވަނީ އެ ހާދިސާއަށްފަހު އޭނާއަށް ގުޅާފަ އެވެ. ރައްޓެހިން ގުޅުމުން އޭނާ ވަނީ "ހެޔޮ ރިޕޯޓް ކުރިޔަސް، ފުލުހުންނަށް މަށަކަށް ކަމެއް ނުކުރެވޭނެ،" ކަމަށް ބުނެ ކަމަށް އެ އަންހެން ކުއްޖާ ކިޔައިދިނެވެ.

އަންހެން ކުއްޖާ ބުނި ގޮތުގައި، އެމީހާ މިހާރު އުޅެމުން ދަނީ ނަންބަރު ވެސް ބަދަލުކޮށް ފިލައިގެންނެވެ. ފުލުހުން އަދިވެސް އޭނާއާ ސުވާލުކުރުމަށް ގެންގޮސްފައިނުވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅި، ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް ނިސްބަތުން ގިނަ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް ފުލުހަށް ޖިންސީ ގޯނާގެ 417 މައްސަލައެއް ހުށަހެޅި އެވެ. މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.