ހަބަރު

ރޭޕް ތުހުމަތުވާ މީހާއާ ގުޅުވާތީ ނިހާން ރައްދު ދެއްވައިފި

ސްޓޫޑިއޯއެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ އަންހެނަކު، ރޭޕް ކުރި ކަމަށް އޭނާ ބުނާ މައްސަލާގައި ތުހުމަތު ކުރާ މީހާއާއި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކުއާ ގުޅުވައި، ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކަށް ނިހާން ރައްދު ދެއްވައިފި އެވެ.

ޒުވާނާ ތުހުމަތުކުރާ ގޮތުގައި، އޭނާއަށް ޖިންސީ ގޯނާކޮށް ހުތުރު އެ އަމަލު ހިންގާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅެއްގެ ކޮއްކޮ އެވެ.

އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން ރޭޕް ކުރި މީހަކީ ނިހާނާ އާއިލީ ގޮތުން ތިމާގެ މީހެކެވެ.

އެ އަޑުތައް ފެތުރުމާާ ގުޅިގެން "އަވަސް" އިން ނިހާނާ ސުވާލު ކުރުމުން ވިދާޅުވީ ތުހުމަތެއް ކުރެވިފައިވާ މިހާ ނިހާންއާ ގުޅުމެއް ނުބާއްވާ ކަމަށާއި އޭނައަށް ތުހުމަތުވި އަމަލުގެ ހަބަރު ވެސް ލިބި ވަޑައިގެންނެވީ މާ ފަހުން ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާއާ އެ ހާދިސާއާ ގުޅުވައި ވާހަކަތައް ފަތުރަނީ އޭނާ ސިޔާސީ ގޮތުން ހުރި މަގާމާ ސަބަބުން ކަމަށާއި އެހެން މީހަކަށް ތުހުމަތުވާ ކުށެއްގެ ސަބަބުން އޭނާ އެއްވެސް ޒިންމާއެއް ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

"އެމީހަކީ އަޅުގަނޑުގެ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނޫން، އަޅުގަނޑު ގެންގުޅޭ މީހެއް ނޫން، ދެން އަޅުގަނޑަކަށް ނޭނގެ ތިބުނާ މީހަކު އެކަން ކުރިކަމެއް ވެސް ނުކުރާ ކަމެއް ވެސް، އަޅުގަނޑެއް އޭނައާ ވާހަކަ ދެއްކީ އެއް ނޫން ނުވަތަ ވާހަކަ ދައްކަނީ އެއްވެސް ނޫން، ނުވަތަ އަޅުގަނޑުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ގެއެއްގައި އެއް ވެސް ނޫން އޭނަ އުޅެނީ،" ނިހާން ވިދާޅުވި އެވެ. "ސިޔާސީ ގޮތުން އަޅުގަނޑު އުޅޭހާ ހިނދަކު އަޅުގަނޑުގެ އާއިލާ ކޮޅުން ވެސް މީހަކު ކަމެއްކޮށްފި ނަމަ އަންނާނެ،"

ރޭޕްގެ އަމަލެއް ނުވަތަ އެހެން ކުށެއްކޮށްފި ނަމަަ އެންމެ މަތީ ދަރަޖައަކަށް އަދަބުދޭން ޖެހޭ ކަމަށާއި އެކަން ފުލުހުން ތަހުގީގުކޮށް ކޯޓަކުން ސާބިތުވާ ދުވަހުން ފެށިގެން، އެ މީހަކީ ކިތަންމެ ގާތް މީހެއް ނަމަވެސް އަދަބުދޭ ް ގޮވާލާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ކޮން ބަޔަކަށްތޯ ކެރުނީ ތިމާގެ ޕާޓީ މީހެއް ނުވަތަ ތިމާގެ މީހަކު އެފަދަ ކަމެއްކޮށްގެން އެކަން ކުށްވެރި ކުރަން، ނަމަވެސް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ މައިންބަފައިން ވެސް. އަނބިދަރިން ވިޔަސް ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ އެ މީހަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އެންމެ ފުރަތަމަ ގޮވާނެ މީހަކަށް ވާނީ އަޅުގަނޑު،" ނިހާން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި ރޭޕްގެ އަމަލު ހިންގާފައި ވަނީ އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށާއި އެ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް އެ ރޭ ދިޔުމުން ކަމަށް އޭނާ ބުންޏެވެ.

ރޭޕްގެ ވާހަކަ ސިއްރުކުރުމަށް އެ މީހާ އަންހެން ކުއްޖާއަށް 16،000 ރުފިޔާ ދޭނެ ކަމަށް ބުނި ކަމަށާއި ނަމަވެސް އެ ފައިސާގައި އޭނާ ނުހިފާ ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މީހަކާ ސުވާލު ކުރި ކަމެއް ވެސް ނޭނގެ އެވެ. މައްސަލާގައި ތުހުމަތުވާ މީހާ މިހާރު އުޅެމުން ދަނީ ފިލައިގެން ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް ނިސްބަތުން ގިނަ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް ފުލުހަށް ޖިންސީ ގޯނާގެ 417 މައްސަލައެއް ހުށަހެޅި އެވެ. މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ.