ކުޅިވަރު

ލައްޗޭ، ސޮބާ، ފަރީދު، އާފިއުއަށް 'ބީ' ލައިސެންސް

އޭއެފްސީއާ ގުޅިގެން އެފްއޭއެމުން، ކުރިއަށް ގެންދިޔަ، އޭއެފްސީ ކޯޗިން ލައިސެންސްގެ ލެވަލް 'ބީ'، ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ފުރިހަމަ ކޮށްފި އެވެ. މި ކޯހުގައި އަށް މީހުން ބައިވެރިވިއިރު ކޯސް ފުރިހަމަ ކުރީ ހަތް މީހުންނެވެ. ކޯހުގެ ނަތީޖާ ލިބޭނީ އެއް މަސް ފަހުންނެވެ. ސެޓްފިކެޓް ލިބޭނީ ކޯހުން ފާސްވާ މީހުންނަށެވެ.

އެގޮތުން، ކުރީގެ ގައުމީ ޓީމުގެ ފޯވަޑް، އާދަމް އަބްދުއްލަތީފު (ލައްޗޭ)، ކުރީގެ ޑިފެންޑަރުން ކަމަށްވާ، ސޮބާހް މުހައްމަދު އިބްރާހިމް، ވިކްޓަރީ އާއި އައިއެފްސީއަށް ކުޅުނު ފަރީދު މުހައްމަދު (ފަރިއްޓޭ)، އަދި ކުރިން ވިކްޓަރީ އާއި ނިއުރޭޑިއަންޓަށް ކުޅުނު، ޓީސީ އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އާފިއު މުހައްމަދު ހަމީދު އާއި ޓީސީގެ އެކަޑެމީގައި މަސައްކަތް ކުރަމުން އަންނަ ނަބީލް (ނައްބެ) ހިމެނެ އެވެ.

ލައްޗޭ އަކީ 1997 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ތަމްރީން ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން، ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުގަ މަސައްކަތް ކުރަމުން އައީ ސޮބާ އެވެ. ކުރިއަށް އޮތް ސީޒަންގައި، އޭނާ ކުލަބު ވެލެންސިއާ ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ށ. މިލަންދޫއަށް ކޯޗް ކޮށްދިން ގައުމީ ޓީމާއި ނިއުގެ ކުރިގެ ޑިފެންޑަރު މުހައްމަދު ނާސިރު ވެސް ވަނީ ކޯހުގައި ބައިވެރިވެ، ކޯހުގެ ބޮޑުބައެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، ގާތް މީހަކު ބަލިވެގެން ރާއްޖެއަށް ބޭރަށް ދާން ޖެހުމުން، ނާސިރަށް މުޅި ކޯސް ފުރިހަމަ ކުރެވޭ ގޮތެއް ނުވި އެވެ.

މި ކޯހުގައި، ތިއަރީ ބަޔާއި، ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދިޔަ އެވެ. އަދި ކޮންމެ ބައިވެރިޔަކަށް ވަކި މައުލޫއެއް ނަގައި އެސެސްމެންޓްތައް ވެސް ފުރިހަމަ ކުރި އެވެ. މިކޯހުގެ ކިޔަވައިދީފައި ވަނީ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ސިންގަޕޫރުގެ ރޮބަޓް ލިމް އެވެ. އޭނާ ވަނީ އާސިއާންގެ ބައެއް ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ޓެކްނިކަލް މަގާމުތައް ފުރާފަ އެވެ. އެގޮތުން އޭނާ އަކީ ވިއެޓްނާމުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރެވެ.

އެފްއޭއެމުން ވަނީ، ރާއްޖޭގައި އޭއެއެފްސީ 'އޭ' ލައިސެންސް ކޯސް ބާއްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. 'އޭ' ލައިސެންސް ރާއްޖޭގައި ނުބާއްވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަންނަ މަހުގައި ފިޓްނަސް ކޯޗިން ކޯހެއް ބޭއްވުމަށް ވެސް އެފްއޭއެމުން ވަނީ ޝެޑިއުލް ކޮށްފަ އެވެ. ފިޓްނަސް ކޯހަށް ކުރިމަތިލުން މިމަހުގެ 15 ނިޔަލަށް ވަނީ ފުރުސަތު ހުޅުވާޅާފަ އެވެ.