ދުނިޔެ

ކިމް ޖޮން އުންއާ ގުޅުއްވަން ޓްރަމްޕް ހުންނެވީ ތައްޔާރަށް

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ފޯނުން ގުޅުއްވައިގެން ވާހަަފުޅު ދައްކަވައިފާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރެއްވުމަށް ހާއްސަކޮށްފައިވާ ކޭމްޕް ޑޭވިޑްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ ކިމްއާ ވާހަކަފުޅު ދައްކަވަން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ޝަރުތުތަކަކާ ނުލައި ވާހަކަފުޅު ނުދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އަހަރެން ޔަގީނުން ވެސް އެކަން ކުރާނަން. އެކަމުގައި އަހަރެެންނަށް އެއްވެސް މައްސަލައެއް ނެތް،" ޓްރަމްޕް ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ކިމްއާ ވާހަކަ ދައްކަވަން ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ އެ ދެ ލީޑަރުން ބަހުގެ ހަމަލާތައް ބަދަލުކުރައްވާތާ ދުވަސްތަކެއް ވީފަހުންނެވެ. އެގޮތުން އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމާ ގުޅުވައިގެން ' ރޮކެޓް މޭން' ގެ ނަމުން ކިމްއަށް ނަންދެއްވައިގެން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވެއެވެ. ކިމްގެ މޭޒުކޮޅު މަތީގައި ނިއުކްލިއަ ބަޓަން އެބަހުރި ކަަމަށް ވިދާޅުވެ، އެމެރިކާއަށް އިންޒާރު ކުރެއްވުމުން އެކަމަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ މޭޒުކޮޅުގައިވާ ނިއުކްލިއަ ބަޓަން ބޮޑުވެފައި ބާރުގަދަ ކަމަށެވެ.

ކިމްއާ މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ އުތުރުކޮރެެއާއާ އަވަށްޓެރި އަދި އެމެެރިކާއާ ގާތް ގުޅުމެއް އޮންނަ ދެކުނު ކޮރެއާއާ އެކު މަޝްވަރާތައް ފަށަން އުތުރުކޮރެއާއިން އެއްބަސްވުމުންނެވެ. އެދެގައުުމުން މަޝްވަރާ ކުރަނީ ދެކުނު ކޮރެއާގައި އަންނަ ފެބްރުއަރީމަހު ފަށާ ވިންޓާ އޮލިމްޕިކްސްގައި އުތުރުކޮރެއާއިން ބައިވެވުމާ ބެހޭ ގޮތުންނެވެ.

ދެކޮޮރެއާ ދެމެދު މަޝްވަރާތައް ފެށުނީ ވެސް ޓްރަމް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ... މިހާރު އެމީހުން އެ ވާހަކަ ދައްކަނީ އޮލިމްޕިކްސްއާ ބެހޭ ގޮތުން. އެއީ ފެށުމެއް. އެއީ ބޮޑު ފެށުމެއް. އަހަރެން އެކަމުގައި ޝާމިލު ނުވާނަމަ އެމީހުން އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކީސް މިހާރަކު،" ޓްރަމްޕް ވިދާޅުވިއެވެ.