ހަބަރު

ސްކޫލްތަކަށް ޓީޗަރުން ހަމަވާނެ، އެކަމާ ޝައްކެއް ނެތް: މިނިސްޓްރީ

ބޮޑު ޗުއްޓީއަކަށް ފަހު އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ޓީޗަރުން ހަމައަށް ތިބޭނެ ކަމަށާއި ޓީޗަރުން ހޯދަން ކުރާ އިއުލާންތަކަކީ ވީހާވެސް ގިނައިން ދިވެހި މުދައްރިސުން ހޯދަން ކުރާ އިއުލާންތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސްކޫލް ހުޅުވެން ހަފުތާއަކަށް ވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސްކޫލްތަކަށް ބޭނުންވާ
400 މުދައްރިސުން ހޯދުމަށް ވަނީ އެކި ފަހަރުމަތިން އިއުލާންކޮށްފަ އެވެ. އެއާއެކު ބެލެނިވެރިން ކަންބޮޑުވީ ސްކޫލްތައް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަ ނުވެދާނެތީ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "އަވަސް"އަށް މިއަދު ވިދާޅުވީ، މިއަހަރު ސްކޫލްތައް ހުޅުވާއިރު ޓީޗަރުން ހަމައަށް ތިބޭނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މިނިސްޓްރީން ޓީޗަރުން ހޯދަން މިހާރުވެސް ކުރަމުންދާ އިއުލާންތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ، އެއީ މިނިސްޓްރީގެ އުސޫލާއި ގަވާއިދު އޮންނަ ގޮތުގެ މަތިން ކުރަންޖެހޭ އިއުލާންތަކެއް ކަމަށެވެ.

"ދިވެހި ޓީޗަރުން ހޯދަން އޮންނަ ޕްރޮސެސް އަކީ އަބަދު ވެސް އޮންނަ ޕްރޮސެސް އެއް. ކުރަމުން ދާ ކަމެއް. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އުޅޭ އެޑިއުކޭޝަންގެ ކަންކަން ދެނެލައްވާ ބޭފުޅުންނަށް ވެސް އެކަން އޮންނަ ގޮތް އެނގިވަޑައިގަންނަވާނެ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ބޭރު ޓީޗަރުން މަދުކޮށް ދިވެހި ޓީޗަރުން އިތުރު ކުރުމަކީ މިސްޓްރީން އިސްކަންދޭ ކަމެއް ކަމަށެވެ. އެއާއެކު ދިވެހި މުދައްރިސުން ހޯދަން ކުރާ އިއުލާންތަކަކީ އެ މިނިސްޓްރީން ރަސްމީކޮށް ކުރަންޖެހޭ އިއުލާންތަކުގެ ތެރޭން ބައެއް ކަމަށް ވިދާޅުވި އެވެ. އަދި އެ އިއުލާންތަކުން ދިވެހި ޓީޗަރުން ލިބުމުން ބިދޭސީ ޓީޗަރުން މަދުކުރެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މިހާރުވެސް ގިނަ އަދަދަކަށް ދިވެހި ބޭފުޅުން ތައުލީމީ ދާއިރާއިން ކިޔަވާ ވިދާޅުވޭ. ޔުނިވަސިޓީތަކުން ގްރެޖުއޭޓް ވާ ބޭފުޅުންނަށް އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެން،" ޝަފީއު ވިދާޅުވި އެވެ.

ސްކޫލް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާއިރު މިދިޔަ މަހުން ފެށިގެން ހުސްވެފައިވާ އެކި މަގާމްތަކަށް ބޭނުންވާ 100އެއްހާ ބޭރު ޓީޗަރުން ވެސް ވަނީ މިނިސްޓްރީ އިން މިހާރު ރެކްރޫޓްކޮށްފަ އެވެ.