ހަބަރު

ޓެބްލެޓަކީ ދަރިވަރުންނަށް މާލީ ބުރައަކަށް ނުވާނެ: އެޑިއުކޭޝަން

ސްކޫލްތައް ޑިޖިޓަލައިޒްކޮށް ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ޓެބްލެޓް ތައާރަފްކުރިޔަސް ދަރިވަރުންނާއި ބެލެނިވެރިންނަށް ނުއުފުލޭ ވަރުގެ މާލީ ބުރަޔަކަށް އެކަން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ރާއްޖޭގެ ހުރިހާ ސްކޫލަކަށް މި އަހަރު ނިމުމުގެ ކުރިން ޓެބްލެޓް ތައާރަފްކުރާނެ އެވެ.

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއު އިއުލާންކުރުމާ ގުޅިގެން ބެލެނިވެރިންނާއި އާންމުންގެ ތެރޭގައި އުފެދިފައި އޮތީ މަސްހުނި ހިޔާލުތަކެކެވެ. ޓެބްލެޓްގެ ސަބަބުން ރާއްޖޭގެ ކިޔެވުމުގެ ނިޒާމަށް އަންނާނެ ހެޔޮ ބަދަލުތަކެއްތޯ ނޫންތޯ އޮތް ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. މިއަހަރަށް ސްކޫލްތައް ޑިޖިޓަލައިޒް ކުރުން ބަޖެޓުގައި ހިމަނައި، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ އެއީ ތައުލީމީ ދާއިރާގެ ތަރައްގީ އާއި ދަރިވަރުންނަށް ލިބޭ ފަސޭހައާއެކު މާލީ ގޮތުން ވެސް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ބެލެނިވެރިން ވަނީ ޓެބްލެޓް ތައާރަފްކުރުމަކީ ބައެއް ބެލެނިވެރިންނަށް މާލީ ދަތި ކުރިމަތިވެދާނެ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޓެކްނޮލޮޖީ ތައާރަފްކުރި ނަމަވެސް އެކަން ކުރާނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ބުރައަކަށް ނުވާނެ ގޮތެއްގެ މަތިން ވަރަށްގިނަ ވިސްނުންތަކެއްގެ މައްޗަށް ބުރަވެގެން ކަމަށެވެ. އެ މިނިސްޓްރީއާއި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ދަރިވަރުންނަށް ހަމަ ހަމަ ކިޔަވައިދިނުމުގެ މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ކަމަށާއި ޓެބްލެޓް ތައާރަފްކުރުން ވެސް ވެގެންދާނީ ހެޔޮ ބަދަލަކަށް ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ޓެކްނޮލޮޖީ ތައާރަފްކުރުމުގެ ބޭނުމަކީ ކުދިންނަށް ހޭނެން އުނދަގޫވާ ގޮތަށް ކުއްލި ބަދަލެއް ދަރިވަރުންނަށް ގެނައުމެއް ނޫން. ޓެބްލެޓް ދަރިވަރުންގެ އަތަށް މުޅިން ދޫކޮށްލުމުގެ ކުރިންވެސް އެއަށް ހޭނުވުމުގެ މަރުހަލާތަކެއްވެސް ދާނެ. އެހެންވީމަ އެކަމަށް ކުދިންނާއި މުދައްރިސުން ތަމްރީންކޮށް ހޭނެންދެން ޓެކްސްޓް ފޮތްތަކާއެކު މަޑުމަޑުން ކަންކަން ބަދަލުކުރަމުން ގެންދާނީ،" ޝަފީއު ވިދާޅުވި އެވެ.

ޓެބްލެޓް ތައާރަފްކުރުން ތަންފީޒުކުރުމަށް ސްކޫލްތަކުގައި ރަނގަޅު ވައިފައި ނިޒާމެއް ތައާރަފްކުރުމަށް ދިރާގާ އެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މަސައްކަތްކުރަން ކަނޑައެޅިފައި އޮތް ޓައިމްލައިންގެ ދަށުން އަޅުގަނޑުމެން މިދަނީ ސްކޫލްތަކުގެ ވައިފައި ސްޓްރަކްޗާ ބިނާކުރަން ދިރާގާއެކު ވެސް މަސައްކަތް ކުރަމުން. ސްކޫލްތަކުގައި ވައިފައި ކޮންމެހެން ބޭނުންވިޔަސް ދަރިވަރުންގެ ކިޔެވުމާއި ގޭގައި ކުރާ މަސައްކަތްތަކަށް އިންޓަނެޓް ނެތަސް ބުރޫ ނާރާނެހެން ކިޔެވުމުގެ ކަންކަން ކުރިއަށްދާނެ،" ޝަފީއު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ތައްޔާރުވެފައި ވާއިރު މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޓެބްލެޓްތައް ހަމަކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެކަމަށް މިދިޔަ އަހަރުން ފެށިގެން ޓީޗަރުން ތަމްރީނުކުރަން ފަށައި އެކަމުގެ އެޑްވާންސް ލެވެލް ތަމްރީންތައް ވެސް މިއަހަރު ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.