ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އަދި ވަކި އެއްޗެއް ބުނެވެން ނެތްކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ހިއްސާކުރެވެން ނެތީ އެއީ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.
ސްޓޯޑިއޯއެއްގެ ތެރޭގައި ރޭޕް ކޮށްފައިވަނީ 19 އަހަރުގެ އަންހެން އާޓިސްޓެއް ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު އެކަމާ ގުޅިގެން އާންމުންނާއި ސިޔާސީ ބޭފުޅުންނާއި އެނޫންވެސް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް އަންހެން ކުއްޖާއަށް ވީހާވެސް އަވަހަށް އިންސާފު ހޯދައިދޭން ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އެ މައްސަލާގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ރޭޕް ކުރި ކަމުގެ ތުހުމަތަށް 34 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެމައްސަލައާ ގުޅޭގޮތުން އަވަސްއިން މިއަދު ސުވާލުކުރުމުން ޖެންޑަ މިނިސްޓްރީން ބުނީ، އަނިޔާގެ މައްސަލަތަކަކީ އެ މިނިސްޓްރީން ހަރުކަށިކޮށް ކުއްވެރިކުރާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް މިހާރު ފެންމަތިވެފައިވާ ރޭޕްގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންގެންދާ މައްސަލައަކަށް ވާތީ އެކަމުގައި މިނިސްޓްރީއަށް އެއްވެސް އެއްޗެއް އަދި ބުނަން ދަތި ކަމަށެވެ.
"ތިޔަ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ބަލަމުންދާ ސީރިއަސް ކްރިމިނިނަލް މައްސަލައަކަށް ވާތީ، މި މައްސަލައާ ގުޅިގެން މި ވަގުތު މި މިނިސްޓްރީން ވަކި އެއްޗެއް ހިއްސާކުރެވެން ނެތްކަމުގައި ދަންނަވަމެވެ،" ޖެންޑާ މިނިސްޓްރީން އަށް އީމެއިލް މެދުވެރިކޮށް އަވަސް އަށް ދިން ޖަވާބުނެގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ރޭޕްއާއި އެނޫންވެސް އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތަށާއި ފުލުހުންނަށް އެ މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށެވެ.