ދުނިޔެ

އީރާނުގެ ޓޭންކަރަކާއި ހޮންކޮންގެ ބޯޓެއް ޖެހި 32 މީހުން ގެއްލިއްޖެ

އީރާނުގެ ތެޔޮ ޓޭންކަރަކާއި ހޮންކޮންގެ އާގުބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އީރާނު ޓޭންކަރުން 32 މީހަކު ގެއްލިއްޖެއެވެ.

ޗައިނާ އޮފިޝަލުންނާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫޙުން ބުނީ ޗައިނާގެ އިރުމަތިން އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގި އެހާދިސާގައި އީރާނުގެ ޓޭންކަރުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޭންގް ޒީ ކޯރު ކަނޑާ ގުޅޭ ސަރަހައްދުގެ ބޭރުން 160 މޭލު ބޭރުގައި ހޮނިހިރު ދުވަހު ހިނގި އެހާދިސާގައި ޖެހުނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އީރާނުގެ ޓޭންކަރެއް ކަމަށްވާ ' ސާންޗީއާއި ހޮންކޮންގައި ރަޖިސްޓްރީކޮށްފައިވާ ސީއެފް ކްރިސްޓަލް ނަމަކަށް ކިޔާ ބަލްކް ކެރިއާއެއް ކަަމަށެވެ. ސާންޗީ އަކީ އީރާނުގެ ނެޝަނަލް ޓޭންކަރް ކޯ ނަަމަކަށް ކިޔާ ކުންފުނިން ދުއްވާ އުޅަނދެކެވެ. ހާދިސާ ހިނގި އިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުގެ ޚަރުޖު ނަމަކަށް ކިޔާ ރަށުން ފުރައިގެން ދެކުނު ކޮރެއާ އަށެވެ.

ހާދިސާގައި ގެއްލިފައި ވަނީ ޓޭންކަރުގައި ތިބި އީރާނުގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެމީހެކެވެ. ހޮންކޮން ބޯޓުގައި ތިބި 21 މީހަކު ވަނީ ހޯދައި ސަލާމަތް ކޮށްފައެވެ.

އަލިފާން ރޯވެފައިވާ ޓޭންކަރު މިއަދު ހެނދުނު ރިޕޯޓް ކުރި އިރުވެސް ދިޔައީ އަނދަމުން ކަމަށް ޗައުތު ޗައިނާ މޯނިން ޕޯސްޓްގެ ހަބަރުގައި ބުނެފައި ވެއެވެ. ގެއްލިފައިވާ ފަޅުވެރިން ހޯދަން ޗައިނާއިން ވަނީ އެގައުމުގެ އަށް އުޅަނދެއް ފޮނުވާފައެވެ. އެކަމަށް އެހިވާން ދެކުނު ކޮރެއާއިން ވެސް ވަނީ ކޯސްޓްގާށް އުޅަނދަކާއި ހެލިކޮޕްޓަރެއް ފޮނުވާފައެވެ.