މަޝްހޫރު ނެށުންތެރިޔާ އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާގެ "ސުޕަ-ފޭން"، ސުނީތާ އަލީއާ ނުލައި މި ދުވަސްކޮޅު މުނިފޫހިފިލުވުމުގެ ޚަބަރެއް ނުގެނެސްދެވޭ ވަރަށް އޭނާ މި ވަނީ މި ދާއިރާގައި ނުފޫޒުގަދަކޮށްފަ އެވެ.
ސުނީތާ "މަރާލަން އެއް ބަޔަކު އިންޒާރު ދެމުން އަންނައިރު" ފިލްމީ ދާއިރާގެ އިސް ފަރާތްތަކެއް މި ވަނީ އަތާއި އަތް ގުޅާލައިގެން ގޮސް ސުނީތާ އާއި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންތަކެއްގެ ކުރިމަތިލުމަށް ފެން ޖަހައިފަ އެވެ.
ފިލްމު އެސޯސިއޭޝަންގެ އިސްވެރިންތަކެއް ވަނީ ސުނީތާ އާއި ނިއުމާއާ ބައްދަލުކޮށް ދެ މީހުންގެ ދެމެދުގައި މިހާރު "ސުލްހަ" ގާއިމުކޮށްދީފަ އެވެ.
ސުނީތާ އާއި ފިލްމީ ތަރިންގެ "ހަޔާތް ގޮވުމުގެ" ތެރެއިން އެންމެ ގިނަ ބަޔަކު ސިއްސުވާލި ތަރިއަކީ ރާއްޖޭގެ އެއް ވަނަ ބަތަލާ ނިއުމާ މުހައްމަދެވެ. އޭނާގެ މި އޯޑިއޯ ލީކުވިއިރު އޭނާ އަކީ ވަރަށް ފަހުން އިންތިޚާބުކުރި ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އެވެ.
ސުނީތާގެ ސަބަބުން ފިލްމީ ދާއިރާގައި ރޯވި އަލިފާންގަނޑުން ނިއުމާ ސަލާމަތްކުރުމަށް ފިލްމު އެސޯސިއޭޝަނުން އަވަސްއަރުވާލީ އެހެންވެ ކަމަށް ގަބޫލުކުރެވެ އެވެ.
ކޮންމެއަކަސް ސުލްހަވެރި ބަސްއެހުމަށް ސުނީތާ އާއި ނިއުމާ ވެސް މިހާރު އެއްބަސްވެފައިވާ ކަމަށް އެސޯސިއޭޝަނުގެ އިސް ފަރާތުން ވިދާޅުވެފައިވެ އެވެ.
ހަގީގަތުގައި ވެސް ފިލްމީ ދާއިރާގައި ހަސަދައިގެ އަލިފާންގަނޑެއް ރޯވެ މަޝްހޫރު ތަރިންތަކެއް އަނދައިގެން ދިއުމުގެ އަސްލު ގުޅިފައި ވަނީ ޕްރިޔާންކާ ޗޯޕްރާއާ އެވެ. މި ހުޅުގަނޑު ރޯވާން މެދުވެރިކޮށް ތިރީގައި މި އަންނަނީ އެވެ.
ސުނީތާ އަލީ ޕްރިޔާންކާގެ އެންމެ ބޮޑު ދިވެހި ފޭނެވެ. މިއީ އެންމެނަށް ވެސް އެނގޭ ހަގީގަތެކެވެ. ނަމަވެސް ދެން މި އަންނަނީ ބައެއް މީހުންނާ ނޭނގޭ ވާހަކަ އެކެވެ.
ފިލްމު އެސޯސިއޭޝަނުން މިދިޔަ ރަމަޟާން މަހާ ދިމާކޮށް ބޭއްވި ފުޓްބޯޅާ މުބާރާތެއްގައި އެކުލަވައިލި "ސްޓާރުން" ގެ ޓީމުގެ ނަމަކަށް ސުނީތާ ބޭނުންވީ ޕްރިޔާންކާގެ ނަމުން ނަންދޭށެވެ. އަނެއްކާ އަނެއް "ޓްރިބިއުޓެވެ."
ނަމަވެސް ސުނީތާގެ މި "ޓްރިބިއުޓަށް" ފިލްމީ ދާއިރާގެ ނަން މަޝްހޫރު ތަރިން ދެކޮޅުހަދައި ހައިޖާނު ހިންގާލި ހިސާބަކީ ސުނީތާ އާއި ނިއުމާމެން ކަހަލަ ތަރިންނާ ދެމެދު މައްސަލަ ހޫނުވި ހިސާބެވެ.
އެހެންވީމަ މައްސަލައިގެ އަސްލަކީ "ޕްރިޔާންކާ" އެއް ނޫން ހެއްޔެވެ؟ މީހަކު ޕްރިޔާންކާ އަށް "މޮޔަވުމުން" އެބަލިމަޑުކަމުގައި މުޅި ފިލްމީ ދާއިރާ ހަލާކުވެގެން ދިޔައީ އެވެ.
ނިއުމާ އަށް ފަހު އޯޑިއޯ ކްލިޕްތަކުގައި އެންމެ ފޯރި އަރުވާލައިގެން އުޅުނު މަޝްހޫރު އަޑަކީ ބަތަލާ ފާތިމަތު ފަރީލާގެ އަޑެވެ. އޭނާ ބުނީ ސުނީތާއާ ދިމާލަށް އެއްޗެހި ގޮވަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށެވެ.
"މައާފައަކަށް ވެސް އެދޭކަށް ނުޖެހޭނެ ސުނީތާ ކިބައިން. އަދި އެއީ އޭނަ އަށް ވަގަށް ބަޔަކު ގޮވި އެއްޗެހިތަކެއް ވެސް ނޫން،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ފަރީލާ ބުންޏެވެ.
އޭނާ ބުނީ ސުނީތާ ލީކުކޮށްލައިގެން އުޅޭ އޯޑިއޯތަކަކީ ނިމުނި ރޯދަމަހާ ދިމާލުގައި މި އެންމެން އެކުގައި އުޅުނު ވައިބާ ގްރޫޕެއްގެ ތެރޭގައި ޖެހި ސަކަރާތްތަކެއް ކަމަށެވެ.
"އެ ގްރޫޕްގައި ސުނީތާ ވެސް އުޅޭ އެހެން މީހުން ގޮތަށް. އޭނަ މީހުންނާ ދިމާލަށް ގޮވި އެއްޗެއް ވިއްޔާ އެހުރީ ކަނޑާލާފައި،" ފަރީލާ ބުންޏެވެ.
"އަނެއްކޮޅުން މި ހުރިހާ ކަމެއް ފެށުނީ ސުނީތާ ޓީވީތަކަށް އަރައި ދާއިރާގެ މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކައި އެމީހުންނަށް ޒާތީ ގޮތުން ހަމަލާ ދިނީމަ ފުރަތަމަ."
ފަރީލާ ބުނީ ހަގީގީ ކަތުރުފަންޏަކީ ސުނީތާ ކަމަށެވެ. އަދި ފިލްމު އެސޯސިއޭޝަނުން މި މައްސަލާގައި އަމަލުކުރި ގޮތަށް ވެސް ފަރީލާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ސުނީތާ އަށް ބަޔަކު މަރުގެ އިންޒާރު ދިން އަޑު ފެތުރި ނިމިއްޖެ އެވެ. ދެން މި އޮތީ ސުނީގެ އިންޒާރެކެވެ. އޭނާގެ އަތުގައި އަދިވެސް ވަރަށް ގިނަ "ސްޓާރުންގެ އޯޑިއޯ ކްލިޕް" އެބަހުރި ކަމަށް ބުނެވެ އެވެ. ވަރަށް ގިނަ ސްޓާރުން "އޮރިޔާންކޮށްލެވޭ" ވަރުގެ "އޯޑިއޯތަކެއް" އެބަހުރި ކަމަށްވެ އެވެ.
އެހެންވީމަ ސުނީތާ އިންޒާރު ދީފައި ވަނީ ފިލްމީ ދާއިރާގެ މަޝްހޫރު މޫނުތައް އޭނާއާ "ނުބެހި ދުރުގައި" ތިބުމަށެވެ.