ދުނިޔެ

މެލޭޝިއާގެ އިދިކޮޅު ކެންޑިޑޭޓަކަށް 92 އަހަރުގެ މަހާތީރު

މެލޭޝިއާގައި އަންނަ އޮގަސްޓް މަހު ބާއްވާ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ގޮގައި ނެރޭނީ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ކަމަށް އެ ގައުމުގެ އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

މެލޭޝިއާގައި ކުރިން 22 އަހަރު ވަަންދެން ބޮޑު ވަޒީރުކަން ކުރައްވާފައިވާ މަހާތީރަކީ އެ ގައުމުގައި ވަރަށް ބޮޑު ތާއީދެއް އޮންނަ ބޭފުޅެކެވެ. އުމުރުފުޅުން މިހާރު 92 އަހަރު ވެފައިވާ މަހާތީރަކީ މެލޭޝިއާގެ ތަރައްގީގެ ބާނީ އެވެ.

މެލޭޝިއާގެ އެންމެ ތާއީދު ބޮޑު އިދިކޮޅު ލީޑަރު އަންވަރު އިބުރާހީމް ޖަލުގައި ހުންނެވުމުން މިހާރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރެއްވޭނެ ބޭފުޅަކަށް ދެން ހުންނެވީ މަހާތީރެވެ. ނަޖީބް ރައްޒާގަކީ ޚުދުމުޚުތާރު ބޭފުޅެއް ކަމަށް ވިދާޅުވެ، މަހާތީރު ގެންދަވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މެލޭޝިއާގެ އިދިިކޮޅު ޕަކަޓާން ހަރަޕަން އިއްތިހާދުން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު އެ ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް ސައިފުއްދީން އަބުދުﷲ ވިދާޅުވީ އެ އިއްތިހާދަށް އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ މަހާތީރު ކަމަށެވެ. އަދި އޭނާގެ ނައިބަކަށް ވެވަޑައިގަންނަވާނީ އަންވަރު އިބުރާހީމްގެ އަނބިކަނބަލުން ވާން އަޒީރާ ވާން އިސްމާއީލް ކަމަށް ވެސް ސައިފުއްދީން ވިދާޅުވި އެވެ.

"އިއްތިހާދަށް ކާމިޔާބު ވެއްނެ ނަމަ އަންވަރަށް ޝާހީ މައާފް ދިނުމަށް ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ޕްރޮސެސް ވަގުތުން ފަށަން ޕާޓީތަކުން ވަނީ އެއްބަސްވެފައި،" އޭނާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އަންވަރު އިބުރާހީމާއި މަހާތީރަކީ ކުރިން ވަރަށް ބޮޑު ދެ ހަތުރުންނެވެ. އަންވަރު އިބުރާހީމްގެ މައްޗަށް ކުރި ގިނަ ތުހުމަތުތައް ކޮށް، އޭނާގެ މައްޗަށް ޝަރީއަތްތައް ހިންގީ ވެސް މަހާތީރުގެ ވެރިކަމުގަ އެވެ.

އިއްތިހާދުން ބުނީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ގާނޫނީ މަރުހަލާތައް ފުރިހަމަ ކޮށް، އަށް ވަނަ ބޮޑު ވަޒީރުގެ ގޮތުގައި ނެރޭނީ އަންވަރު އިބުރާހީމް ކަމަށެވެ.