ކުޅިވަރު

ބާސާއަށް އަހަރުގެ ފެށުން ރަނގަޅު، ރެއާލްވީ އެއްވަރު

ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގްގައި ބާސެލޯނާގެ އަހަރުގެ ފެށުން ރަނގަޅު ކޮށްފި އެވެ. ނަމަވެސް، ވާދަވެރި ރެއާލް މެޑްރިޑަށް، ސެލްޓަ ވިގޯ އަތުން އެއްވަރުވެ އަނެއްކާވެސް މައްސަލަ ކުރިމަތިވީ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ލިއޮނަލް މެސީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓްގައި، ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު، 38 ވަނަ މިނެޓްގައި، ލުއިސް ސުއަރޭޒް ކާމިޔާބު ކުރީ ސާޖީ ރޮބާޓޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި، ބާސާގެ ލީޑް ފުޅާ ކުރީ، ޕައުލީނިއޯ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މެސީ އެވެ.

ޔޫރަޕްގެ އެންމެ ގަދަ ފަސް ލީގްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން، މިހާތަނަށް މެޗަކުން ބަލި ނުވާ، ހަމައެކަނި ޓީމަކީ ބާސާ އެވެ. ބާސާ ލީގްގެ އެއް ވަނައިގައި އޮތީ 48 ޕޮއިންޓާއެކު އެވެ. ބާސާއާ އެންމެ ގާތުން ވެސް އޮތީ ނުވަ ޕޮއިންޓް ފަހަތުގައި އޮތް އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ.

ސެލްޓައާ ދެކޮޅަށް ކުޅުނު ރެއާލް މެޑްރިޑް އެއްވަރުވީ، 2-2 ންނެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް ވަސް އެވެ. އޭގެ ތިން މިނެޓް ފަހުން ގެރެތު ބޭލް ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފި އެވެ. އޭގެ ދެ މިނެޓް ފަހުން ބޭލް ރެއާލްގެ ލީޑް ފުޅާ ކޮށްދިނެވެ. މެޗުގެ 70 ވަނަ މިނެޓްގައި ސެލްޓަ އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. އިއާގޯ އެސްޕަސް ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ދިފާއު ކުރި އެވެ.

ރެއާލް ލީޑްގައި އޮވެގެން މެޗު ނިމެނޭނެ ކަމަށް ބެލެވުނު ނަމަވެސް، 82 ވަނަ މިނެޓްގައި، މެކްސިމިލިއާނޯ ގޯމޭޒް ވަނީ ސެލްޓައަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ރެއާލް އޮތީ ހަތަރު ވަނައިގައެވެ. އެ ޓީމަށް ލިބިފައި ވަނީ 32 ޕޮއިންޓެވެ.