ބޭރު ކުޅިވަރު

އާސެނަލް ކަޓުވާލައި ފޮރެސްޓް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް

Jan 8, 2018

ޔޫރަޕްގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ނޮޓިންހަމް ފޮރެސްޓް އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ. އަމިއްލަ ދަނޑުގައި އެ ޓީމު އާސެނަލް ބަލި ކުރީ 2-4 ނަތީޖާ އަކުންނެވެ.

އާސެނަލް އަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެންމެ ކާމިޔާބު ވެސް ޓީމެވެ. އެޓީމު ވަނީ މިމުބާރާތް 13 ފަހަރު ކާމިޔާބުކޮށްފަ އެވެ.

ދިހަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ފޮރެސްޓް ޓީމު މެޗުގެ ލީޑު ނެގީ 20 ވަނަ މިނިޓުގައި އެމެރިކާ ޑިފެންޑަރު އެރިކް ލިހާއި ކާމިޔާބު ކޮށްދިން ލަނޑާއެކު އެވެ. އާސެނަލް އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ނިއާ ޕޯސްޓަށް ނަގައިދިން ހުރަސް ލިހާއި ގޯލަށް ވައްދާލީ ބޮލުން ނެވެ.

ފޮރެސްޓް ޓީމުން ލީޑު ނެގިތާ ތިން މިނިޓު ފަހުން އާސެނަލްގެ ޑިފެންޑަރު މާޓެސަކާ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ހިލޭ ޖެހުމަކުން ފޮރެސްޓް ޓީމުގެ އޭރިޔާގެ އަރިމަތިން ތިއޯ ވޮލްކޮޓް ނަގައިދިން ހުރަސް އާސެނަލްގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައި ލިބުނީ މާޓެސަކާ އަށެވެ. އޭނާ ވަނީ އެއްފަހަރުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް އަނެއްކާވެސް ފޮރެސްޓް މެޗުގެ ލީޑު ނެގި އެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދިނީ ލިހާއި އެވެ. އާސެނަލްގެ ޑިފެންޑަރަކު އޭރިޔާ ތެރެއިން ސާފްކޮށްލި ބޯޅަ ލިބުނީ އެރީޔާ ބޭރުގައި ހުރި ލިހާއި އަށެވެ. މެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އެއްފަހަރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.

ދެވަނަ ހާފްގެ 64 ވަަނަ މިނިޓުގައި ފޮރެސްޓުގެ ބްރެރެޓޮން ކާމިޔާބުކުރި ޕެނެލްޓީ އާއެކު މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލި އެވެ.

ޑެނީ ވެލްބެކް 79 ވަނަ މިނިޓުގައި އާސެނަލް އަށް ލަނޑެއް ކާމިޔާބުކޮށްދީ އުއްމީދު އާކޮށްދިން ނަމަވެސް 85 ވަނަ މިނިޓުގައި ކެވިން ޑޮވެލް ކާމިޔާބުކުރި ޕެނެލްޓީއާއެކު ނޮޓިންހަމް ފޮރެސްޓް ބޮޑު މޮޅެއް ހޯދި އެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.