އާސެނަލްގެ މިހާރުގެ ހާލަތާ މެދު، ކަންބޮޑުވާ ކަމަށް، 22 އަހަރު ވަންދެން އެ ކުލަބަށް ކޯޗް ކޮށްދިން އާސެން ވެންގާ ބުނެފި އެވެ.
އާސެނަލްގެ ކޯޗް ކަމުން ވެންގާ ދުރަށް ދިޔަ ފަހުން އާސެނަލްއިން ވަނީ އެ ޓީމު އަލުން ކުރީގެ ފެންވަރަށް ގެންދަން ދެ ކޯޗުން ހޯދާފަ އެވެ. އާސެނަލްގެ މިހާރުގެ ކޯޗް އަދި ކުރީގެ ކެޕްޓަން މިކަލް އާޓެޓާ، އެ ޓީމުގެ ކޯޗް ކަމާ ހަވާލުވީ، ވެންގާގެ ފަހުން އާސެނަލްގެ ކޯޗްކަން ހަވާލު ކުރި އުނައި އެމެރީ މަގާމުން ވަކި ކުރުމުންނެވެ.
ވެންގާ އާސެނަލްގައި މަސައްކަތް ކުރިއިރު، އޭނާ އެންމެ އިތުބާރު ކުރާ ކުޅުންތެރިންގެ ތެރޭގައި އާޓެޓާ ހިމެނުނެވެ. އޭނާ ބުނީ، އާޓެޓާއަށް ކުލަބުގެ ހާލަތު ބަދަލު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ކުލަބުގެ ހާލަތާ މެދު މިހާރު ވެސް އަހަރެން ވަރަށް ކަންބޮޑުވޭ، ކުލަބުގެ ހުރިހާ މެޗެއް އަހަރެން ބަލަން،" ޓޯކް ސްޕޯޓްސްއަށް ދިން އިން އިންޓަވިއުގައި ވެންގާ ބުންޏެވެ. "އަހަރެން ގަބޫލު ކުރާ ސަގާފަތެއް އޮވޭ އެ ސަގާފަތުގެ މައްޗަށް އާސެނަލްގެ ކުޅުމުގެ ސްޓައިލް ބިނާ ވާނީ، އެ ސްޓައިލަށް އިހުތިރާމް ކުރެވޭ ވަރުގެ އެެއްޗެއް، އަހަރެން އުންމީދު ކުރަން އާޓެޓާއަށް އަލުން އެކަން ގެނެވޭނެ ކަމަށް."
ވެންގާގެ 22 އަހަރުގެ ފަހު އަހަރުތައް ދިޔައީ ވަރަށް ދަށް ކޮށެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ކުލަބުގެ ހާލަތު ބަދަލު ކޮށްފަ އެވެ. އިނގިރޭސި ފުޓްބޯޅައަށް ވެސް އޭނާގެ ނުފޫޒު ގެނެސްދިނެވެ. ވެންގާ ބުނީ އާސެނަލްގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަންކަން ކުރިއެރުވުމުގައި ކާމިޔާބު ހޯދުން ކަމަށެވެ.
"އެމިރޭޓްސް ސްޓޭޑިއަމްއަށް ބަލާލީމަ އަހަންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ، އެއީ އެހެން އެއްވެސް ފަރާތެއް ލޯލާރިއަކާ ނުލައި އަހަރެމެން ބިނާ ކުރި ސްޓޭޑިއަމްއެއް."