އާސެނަލް

އާސެނަލް ބިނާ ކުރަނީ ލިވަޕޫލް މިސާލަކަށް ބަލައިގެން

އިނގިރޭސި ވިލާތާއި ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ އެންމެ މަތީ ލެވަލްގައި އާސެނަލް ވާދަ ކުރަން ދިއުމަށް ކުރާ ދަތުރުގައި، އާސެނަލްއަށް އޮތް އެންމެ ބޮޑު ހުރަހަކަށްވީ، ކުރީގެ ކޯޗް އާސެން ވެންގާ ފަހު އަހަރުގައި، ޓީމުގެ ހިތްވަރު ގެއްލުން ކަމަށް އާސެނަލްގެ ކޯޗް އުނައި އެމެރީ ބުނެފި އެވެ.

އާސެނަލްގައި، އެމެރީގެ ފުރަތަމަ ސީޒަން ނިމިގެން ދަނީ، މިރޭ ޔޫރޮޕާ ލީގްގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:00 ގަ އެވެ.

އެމެރީ ބުނީ އާސެނަލް އަލުން ގަދަ ބާރަކަށް ހަދަން ވެންގާގެ ފަހު އަހަރުގައި ގެއްލިފައިވާ ސިފަތައް އަލުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ، ޔޫރަޕްގެ ވަރުގަދަ ބާރަކަށް އާސެނަލް ހެދުމަށްޓަކައި މިސާލެއްގެ ގޮތަށް އޭނާ ބަލަނީ، 2016 ވަނަ އަހަރު ޔޫރޮޕާ ލީގް ފައިނަލުން ފެށިގެން ލިވަޕޫލް ކުރި ދަތުރު ކަމަށެވެ.

އެ އަހަރުގެ ޔޫރޮޕާ ލީގް ފައިނަލުން ލިވަޕޫލް ބަލިވީ އޭރު އެމެރީ ކޯޗް ކޮށްދެމުން ގެންދިޔަ ސެވިއްޔާ އަތުންނެވެ. އޭރު ލިވަޕޫލް ވެސް އޮތީ އާސެނަލް މިހާރު އޮތް ހާލަތުގަ އެވެ.

އެމެރީ ބުނީ، އާސެނަލް އަލުން ވަރުގަދައަށް ވާދަ ކުރުމަށްޓަކައި އިތުރު ތިން ހަތަރު އަހަރެއް ނުނަގާނެ އެވެ. އޭނާ ގަބޫލު ކުރާގޮތުގައި އޭނާ އާސެނަލްގައި ބޭނުންކުރާ މެނޭޖުމެންޓް ސްޓައިލްއާއެކު ކުރު މުއްދަތެއްގެ ތެރޭގައި ހާލަތު ބަދަލު ކުރެވޭނެ އެވެ.

"އަހަރެން މިތަނަށް [އާސެނަލް] އަށް އައިސް ބައެއް ކަންކަމަށް ބަދަލު ގެނައިން،" އެމެރީ ބުންޏެވެ. "ވެންގާގެ ކުރިން އާސެނަލް ވަރަށް ވާދަވެރި، އަދި ވެންގާގެ ދައުރުގައި އާސެނަލް ފެނުނީ ވާދަވެރި ކުލަބެއްގެ ގޮތުގައި އަދި ޓީމުގައި ކޮލިޓީވެސް ދެމެހެއްޓި ކުޅުންތެރިންނަށްވެސް އިތުރު ކުރިއެރުން ހޯދައި، ހިތްވަރު ލިބުނު، އެއީ އާސެނަލްގެ އެންމެ ކާމިޔާބު ދުވަސް ވަރު، އެހެންނަމަވެސް ވެންގާގެ ފަހު އަހަރުގައި އާސެނަލްއިން ވާދަވެރިކަން ގެއްލުނު، އޮތްކަމަކަށް އޮތީ ހަމައެކަނި ކޮލިޓީ."

އޭނާ ބުނީ، އެހެން ކޯޗުންގެ ފަރާތުން ނާއި އޭނާއަށް އަމިއްލައަށް ބެލި ބެލިބެލުމުން، ފިޒިކަލީވެސް ވަރުގަދަ ޓީމަކަށް އާސެނަލް ވާން ޖެހޭނެ ކަން އޭނާ އަށް ގަބޫލު ކުރެވުނު ކަމަށެވެ.

"ހަމައެކަނި ކޮލިޓީ އަށް ބަލައިފިއްޔާ އެހެން ޓީމުތައް އަތުލަން އުނދަގޫ ވާނެ، ހަމައެކަނި ފިޒިކަލްއަށް ވިސްނައިފިއްޔާވެސް ވާނީ އެހެން،" އެމެރީ ބުންޏެވެ. " އެހެންވީމަ އަހަރެންގެ ހިޔާލަކީ ކޮލިޓީ އާއި ފިޒިކަލީ އެއްވަރެއްގައި ހުރި ޓީމެއް އެކުލަވާލުން."

އެމެރީ ބުނީ އާސެނަލްއަކީ އަލުން ލީގަށް ވާދަ ކުރާ ޓީމަކަށް ހެދުމަށްޓަކައި އޭނާ މަސައްކަތް ކުރާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކަމަށެވެ.