ކޯޗެއްގެ ގޮތުގައި އޭނާ ނުފެނި ހުރުމަކީ ގަބޫލު ކުރަން އުނދަގޫ ކަމެއް ކަމަށާއި އަލުން ޓީމަކާ ހަވާލުވެ ކޯޗް ކޮށްދޭން ބޭނުންވާ ކަމަށް އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.
އާސެނަލްއަށް 22 އަހަރު ވަންދެން ކޯޗް ކޮށްދިނުމަށް ފަހު، މިދިޔަ އަހަރު ޖޫން މަހު އެ ޓީމުން އިސްތިއުފާ ދިން ވެންގާ އޭގެ ފަހުން އެއްވެސް ޓީމަކާ ހަވާލެއް ނުވެ އެވެ. އޭނާ މިދިޔަ އަހަރު ފެނުނީ އެނަލިސްޓެއްގެ ގޮތުގައެވެ. މިިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ވާދަވެރިޔާ ހޯޒޭ މޮރީނިއޯއާއެކު ވެންގާ ވަނީ މެޗު އެނަލައިސް ކޮށްފަ އެވެ.
ވެންގާ ބުނީ އެހާ ގިނަ އަހަރުތަކެއް ވަންދެން އާސެނަލްގައި މަސައްކަތް ކުރުމަށް ފަހު، މިހާރު މަސައްކަތް ނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެ ހިނގައްޖެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަހަންނަށް ގަބޫލު ކުރަން ވަރަށް އުނދަގޫ އަހަރެން ޓީމެއްގެ ބެންޗުން ނުފެނިދާނެ ކަމަށް ބުނަން،" ވެންގާ ވާހަކަ ދެއްކި އެވެ. "އަހަންނަށް ހީވަނީ އަހަންނަށް މިހާރުވެސް ވަރަށް އަވަހަށް ދެވިދާނެހެން ކޯޗް ކޮށްދޭން، އަހަންނަށް ޔަގީންވާ ކަމަކީ އަހަންނަށް ފުޓްބޯޅައިން އެނގިފައި ހުރި އެއްޗެއް އެހެން މީހުންނަށް ހިއްސާ ކުރުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް، އަދި ކޯޗު ކޮށްދީގެން އާ ކަންކަން ދަސް ކުރުމަކީ ވެސް އަހަރެން ކުރަން ބޭނުންވާ ކަމެއް، އަހަރެން އަދި ބޭނުން އަލުން މެޗުގެ ޕްރެޝަރު ތަޖުރިބާ ކޮށްލަން."
ވެންގާ ބުނީ އާސެނަލްގައި މަސައްކަތް ކުރީ ސްކޫލެއްގައި ކުދިންތަކަކަށް ކިޔަވައިދޭހެން ކަމަށާއި އަބަދުވެސް އެމީހުންގެ ފެންވަރު މަތި ކުރަން އިސްކަން ދޭން ވިސްނަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ސިކުނޑި އާއި މުޅި ހަކަތަ އެކަމަށް ހޭދަ ކޮށްފައިވާ ކަމަށެވެ.
އާސެނަލް ދޫކޮށްލި ފަހުން ވެންގާ އާ އޭސީ މިލާން، ޕީއެސްޖީ އަދި ރެއާލް މެޑްރިޑާ ގުޅުވައި ވާހަކަ ދެއްކި އެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ވެންގާ ބޭނުމެއް ނުވި އެވެ.