ހަބަރު

އޭޑީކޭގެ އާ އަހަރުގެ ފެށުން އާ އިމާރަތަކާއި އާ ބަދަލުތަކާ އެކު

އިއްޔެ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތަކުގެ ލިސްޓަށް އާ ބޮޅެއް އިތުރުވި ބޮޑު ދުވަހެކެވެ. އޭޑިކޭގެ ޖާގަ ބޮޑުކޮށް ބަލިމީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ހޮސްޕިޓަލުން ތަރައްގީކުރި ނުވަ ބުރީގެ އިމާރާތް މުޅިން ނިންމާ އެތަން ވަނީ އިއްޔެ ހުޅުވާފަ އެވެ.

އާ އިމާރާތް ހުޅުވައި އެ އިމާރާތަށް ބަލިމީހުން ބައިތިއްބާ ދެ ވޯޑު ބަދަލުކޮށް އެތަން ހުޅުވި އިރު ހާއްސަވީ ހަމައެކަނި އިމާރާތް ހުޅުވުމެއް ނޫނެވެ. އާ އަހަރުގެ ފުރަތަމަ ކާމިޔާބީ އޭޑީކޭއިން ހަދިޔާކޮށްފައިވަނީ އެ ހޮސްޕިޓަލަށް ހިދުމަތްކުރައްވަމުން ގެންދަވަނިކޮށް ފާއިތުވި 2014 ވަނަ އަހަރު އަވަހާރަވި ޑރ. އާރު ސޭޖީ ޕާންޑިއަން އަށެވެ. އެ އިމާރާތަށް "ފާންޑިއަން ވިންގް" ގެ ނަމުން ނަން ކިޔާފައިވަނީ ޑރ. ޕާންޑިއަން އާއި އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ޑރ. ޕާންޑިއަން އަކީ 1987 އިން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް އޭޑީކޭގައި އާންމު ބަލިތަކަށް ފަރުވާދެއްވި ޑޮކްޓަރެކެވެ. އޭނާ އަވަހާރަވީ 7 ޖެނުއަރީ 2014ގަ އެވެ. އިއްޔެ އޭޑީކޭގައި "ޕާންޑިއަން ވިންގް" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޑރ ޕާންޑިއަންގެ އާއިލާއިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޕްރައިވެޓް ހޮސްޕިޓަލެއްގެ ގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށް ދިވެހިންގެ މެދުގައި މަގުބޫލު ހިދުމަތްތަކެއް ދިނުމުގައި އޭޑީކޭއަކީ ކާމިޔާބު ހޮސްޕިޓަލެކެވެ. އަލަށް ހުޅުވި އިމާރާތާ ބެހޭގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، އާ އިމާރާތަކީ އެ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އެގޮތުން ބަލި މީހުން އެޑްމިޓްކުރާ ދެ ވޯޑެއް ( ވޯޑް ނަންބަރު 6 އަދި 7) ވަނީ އާ އިމާރާތަށް ބަދަލުކޮށްފަ އެވެ. އައްފާލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހޮސްޕިޓަލަށް 60 އެނދު އިތުރުވެގެންދާނެ ކަމަށެވެ.

"އާ އިމާރާތުގެ ދެވަނަ ބުރީގައި މެޑިކަލް ޗެކްއަޕް ހެދުމުގެ ކަންކަން މިހާރު މިވަނީ ފަށާފައި. ވަރަށް އަވަހަށް ގްރައުންޑް ފްލޯގައި ވެސް ހިދުމަތް ފަށާނެ،" އައްފާލް ވިދާޅުވި އެވެ.

ޑރ. ޕާންޑިއަންގެ ނަމުން އާ އިމާރާތަށް ނަންކިއުމާ ގުޅިގެން އައްފާލް ވިދާޅުވީ، 1987 ވަނަ އަހަރު އޭޑިކޭ ހޮސްޕިޓަލް ހުޅުވުމާ ހަމައިން ހިދުމަތްކުރެއްވުމުގައި އުމުރުދުވަސް ހުސްކޮށްލެއްވި ޑރ. ޕާންޑިއަންގެ ހަނދާންތައް ދިރުވުމުގެ ގޮތުން އާ އިމާރާތަށް އޭނާގެ ނަމުން ނަން ދެވިގެން ދިއުމަކީ އޭޑީކޭއަށް ލިބޭ ފަހުރެއް ކަމަށެވެ. އަލަށް ހުޅުވި އިމާރާތަކީ އެ ހޮސްޕިޓަލް ޒަމާނީކޮށް ތަރައްގީކުރުމަށް ފަށައިގެން މަސައްކަތް ކުރިއަށްދާ މަޝްރޫއެއްގެ ދަށުން ކޮށްފައިވާ ކަމަކަށް ވާތީ މުޅި މަޝްރޫއު އެއްކޮށް ނުނިމެނީސް އިމާރާތަށް ހޭދަކުރި ހަރަދު ހާމަކުރެވެން ނެތް ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

ޖާގަ ބޮޑުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަ ބުރީގެ އިމާރާތެއް އޭޑީކޭއިން ހުޅުވާފައިވާއިރު، އެ ހޮސްޕިޓަލުން ދެން އެންމެ އަވަހަށް ފަށާ ހިދުމަތްތަކުގެ ތެރޭގައި ކޮރޯނަރީ ކެއާ ޔުނިޓެއްގެ އިތުރުން ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނެ އެވެ. އަދި ކެތު ލެބެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އޭޑީކޭ އިން މިއަދު ވަނީ ބުނެފަ އެވެ. އެ މަޝްރޫއު ތަކުގެ ތަފްސީލު އަދި ހާމައެއް ނުކުރެ އެވެ.