ކުޅިވަރު

އީގަލްސް ދޫކޮށް އިންމަ ނިއުއަށް

މިދިޔަ ދެ ސީޒަންގައި، އީގަލްސްގެ ކެޕްޓަންކަން ކުރި، އިމްރާން ނަޝީދު (އިންމަ) އަންނަ ސީޒަންގައި، ނިއުއަށް ކުޅެން އެ ޓީމަށް ސޮއި ކޮށްފި އެވެ.

އިންމަ ދަނީ، 2015 ވަނަ އަހަރުން ފެށިގެން، ގައުމީ ޓީމުން ގަވައިދުން ޖަގަ ހޯދަމުންނެވެ. އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ދިނީ، ގައުމީ ޓީމުގެ ކުރީގެ ކޯޗް ރިކީ ހާބަޓް އެވެ. ހާބަޓް ގައުމީ ޓީމަށް ބަދަލު ގެނައުމުގެ ގޮތުން އޭނާ ވަނީ، މަޝްހޫރު ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ފަހު އާ ކުޅުންތެރިން ޓީމަށް ނަގާފަ އެވެ. އޭގެ ތެރޭގައި އިންމަވެސް ހިނެނެ އެވެ.

އޭރު އިންމައާ ބެހޭގޮތުން ހާބަޓް ބުނެފައި ވަނީ، ގައުމީ ޓީމުން އިންމަ އަށް ފުރުސަތު ދިނީ އޭނާ އަކީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔަކަށްވާތީ ކަމަށެވެ.

"އަހަންރެން ނުބަލަން ކުޅުންތެރިންގެ މަޝްހޫރު ކަމަކަށް، ނަމަށް ވުރެ އަހަންނަށް މުހިންމީ ބުރަކޮށް މަސައްކަތް ކުރުން، އޭނާ [އިމްރާން ނަޝީދު] އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް، އެހެންވެ އަހަރެން އޭނާ އަށް ފުރުސަތު ދެނީ." އިންމަ ގައުމީ ޓީމަށް ނެގި ސަބަބާ ބެހޭގޮތުން 2015 ވަނަ އަހަރު ހާބަޓް ބުނެފައި ވެއެވެ.

އީގަލްސްގައި، އިންމަ ފާހަގަ ކުރެވެނީ ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ޓީމުގެ މެދުތެރޭ ހުރެގެން އެހެން ކުޅުންތެރިންނަށް ބޮޑު ސަޕޯޓެއް ދޭ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އީގަލްސް އަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އޭނާ ކުޅުނީ، ގދ. ތިނަދޫ އަށެވެ.

އަންނަ އަހަރު އޭއެފްސީ ކަޕަށް، ނިއު ރޭޑިއަންޓް ވަރުގަދަ ކުރުމުގެ ގޮތުން، ނިއު އިން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، މިދިޔަ އަހަރުވެސް އެ ޓީމުގައި ތިބި ކުޅުންތެރިން ލައްވައި ކޮންޓްރެކްޓް އާ ކުރުމެވެ. އަދި ޓީމުގެ ބެކަޕްވެސް ވަރުގަދަ ކުރުމުގެ ގޮތުން، އެ ޓީމުން ދަނީ، މަޝްހޫރު ކުޅުންތެރިން ލައްވައި ސޮއި ކުރަމުންނެވެ. އެގޮތުން މާޒިޔާއަށް ކުޅުނު މުހައްމަދު އުމޭރު ވެސް ވަނީ ނިއު އަށް ސޮއި ކޮށްފަ އެވެ.