ކުޅިވަރު

މައިލްސް ފޯ ސްމައިލްސްގެ ދުވުމަށް "100 ޕްލަސް"

ރާއްޖޭގެ ސްޕޯޓްސް ކޯޕަރޭޝަނުން ބާއްވާ، "މައިލްސް ފޯ ސްމައިލް" ޗެރިޓީ ދުވުމުގެ ހައިޑްރަން ޕާޓްނަރެއްގެ ގޮތުގައި 100 ޕްލަސް ހަމަޖައްސައިފި އެވެ.

އަދި މިއަދު ވަނީ އިތުރު ދެ ފަރާތަކާއެކު ވެސް ސޮއި ކޮށްފަ އެވެ. އެއީ، މައިލްސް ފޯ ސްމައިލްގެ ލީޑް އެތުލީޓް އިބްރާހިމް ސާއިދު އަލީގެ ޓްރެއިނަރެއްގެ ގޮތުގައި ހަމަޖެއްސި، "ޓްރެއިނިން ވިތު ކައި" އާއި "ރަފީ އެންޖީއޯ" އެވެ.

ހަންޑްރެޑް ޕްލަސް އަކީ، ރާއްޖެއަށް އެތެރެ ކުރާ ސްޕޯޓްސް ޑްރިންކްގެ ތެރެއިން އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. މައިލްސް ފޯ ސްމައިލްސް އަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށް 24 ގަޑިއިރަށް ބާއްވާ ދުވުމެކެވެ. އެހެންވެ އެތުލީޓުންގެ ހައިޑްރަން ހިފެހެއްޓުމަށް 100 ޕްލަސްއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި މަހު 19 ވަނަ ދުވަހު ބާއްވާ، ދުވުމުގެ ލީޑް އެތުލީޓް އިބްރާހިމް ސާއިދު ފިޒިކަލީ ތައްޔާރުވުމަށާއި އެއްވަރެއްގައި ފިޓްނަސް ހިފެހެއްޓުމަށް، "ޓްރެއިނިން ވިތު ކައި" އިން އެހީތެރި ކަން ފޯރުކޮށްދޭނެ އެވެ. އަދި މައިލްސް ފޯ ސްމައިލް ޕްރަމޯޓް ކުރުމަށް ވެސް ޓްރެއިނިން ވިތު ކައި އިން އެއްބާރުލުން ދޭނެކަމަށް، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދު ރައްޒާގް ހަލީމް ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ކަސްރަތާއި ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ކަމާމެދު އަދިވެސް މުޖުތަމައުގެ ބައެއް މީހުން ދެކެނީ ނުރަނގަޅު ވިސްނުމެއްގެ ތެރެއިންނެވެ. މައިލްސް ފޯ ސްމައިލް ޕްރަމޯޓް ކުރުމަށް "ރަފީ ޖަމްއިއްޔާ" އިން އެހީތެރި ވެ ދޭނެ އެވެ.