ކުޅިވަރު

ޒިޔަޒަން ދޫކޮށްލުމަށްފަހު ނިއު އަށް ޒުވާން ކީޕަރެއް

މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ކީޕަރު، އަބްދުﷲ ޒިޔަޒަން ދޫކޮށްލުމަށްފަހު ޒުވާން ކީޕަރެއް ލައްވައި އެ ޓީމުން ސޮއި ކުރުވައިފި އެވެ.

މިއަދު އެ ޓީމަށް ސޮއި ކުރީ އުމުރުން 16 އަހަރުގެ ހަސަން އަބްދުލް ހަކީމު އެވެ. އޭނާ އަކީ، މިދިޔަ މަހު، ނ. އަތޮޅުގައި ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި ކީޕަރެވެ. އޭނާ ވަނީ، ނ. މިލަދޫއަށް އެ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

އަންނަ އަހަރު ނިއުގެ ކީޕަރުންގެ ގޮތުގައި ތިބޭނީ ރާއްޖޭގެ އެއް ވަނަ ކީޕަރު، އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލުގެ އިތުރުން މިއަދު ސޮއި ކުރި ހަސަން އަބްދުލް ހަކީމު ކަމަށް ނިއު އިން ވަނީ ހާމަ ކޮށްފަ އެވެ.

މިދިޔަ ސީޒަންގައި، ޒިޔަޒަން ނިއުގައި އަދާ ކުރީ، ތިން ވަނަ ކީޕަރެއްގެ ރޯލެވެ. ނަމަވެސް މާލޭ ލީގްގައި، އެއް ވަނަ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމުން، ޒިޔަޒަން ވަނީ މާލޭ ލީގް ނިމެންދެން ނިއުގެ ފުރަތަމަ 11 ގައި ކުޅެފަ އެވެ. މިދިޔަ އަހަރު ޖުލައި ޓްރާންސްފާގައި، ވެލެންސިއާ ދޫކޮށް ފައިސަލު ނިއު އަށް ބަދަލުވުމުން، ބެންޗަށް ބަދަލު ކީޕަރުގެ ގޮތުގައި ގެންދަނީ ފައިސަލް އެވެ.

މިދިޔަ އަހަރު ގައުމީ ޓީމު، އޮމާން އާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށާއި، ފަލަސްތީނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައި ގައުމީ ޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި ފުރުސަތު ދިނީ ޒިޔަޒަން އަށެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން، ޒިޔަޒަން ނިއުއަށް ގެންދިޔައީ، މިނިވަން ޗެމްޕިއަންޝިޕްގައި، އުފަން ރަށް ބ. އޭދަފުށީ ޓީމާއެކު އޭނާ ދެއްކި މޮޅު ކުޅުމުންނެވެ.

ނިއުއިން ވަނީ، އަންނަ އަހަރަށް ބައެއް ޒުވާން ކުޅުންތެރިން ލައްވައި ސޮއި ކުރުވާފަ އެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގައި، އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އަތީގް ހަސަން ވަނީ ނިއު އަށް ސޮއި ކޮށްފަ އެވެ. އަދި ކުރިން ވެލެންސިއާ އަށް ކުޅުނު ހިސާން ސަލީމު (މުހައްމަދު) ވެސް ވަނީ ސޮއި ކޮށްފަ އެވެ. ނިއު އިން ބުނީ މި އަހަރަށް ވަރުގަދަ ޔޫތު ޓީމެއް އެކުލަވާލުމަށް ވެސް އެ ޓީމުން ސަމާލުކަން ދޭ ކަމަށެވެ.