ހަބަރު

އައްޑޫގައި އެކްސިޑެންޓުވި ޕިކަޕް ދުއްވި މީހާ ދޫކޮށްލައިފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ލިންކު ރޯޑުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްއާ ގުޅިގެން އެކްސިޑެންޓްވި ޕިކަޕްގެ ޑްރައިވަރު މުއްދަތުޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ، ޑްރައިވަރުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެނާ ދޫކޮށްލާފައިވަނީ މީގެ ކުރިން ކޯޓުން ދީފައިވާ ހަ ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ނެވެ.

އައްޑޫ ސިޓީގައި އެކްސިޑެންޓްވި ވެހިކަލް ފުލުހުން ވަނީ ޓޯ ކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުން ނެވެ.

އެ އެކްސިޑެންޓުގައި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އެކްސިޑެންޓަށްފަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ގދ. ވާދޫ، ނެސްޓު އަރުޝަމް އިބްރާހީމް އެވެ. އެކްސިޑެންޓު ހިނގިއިރު އަރުޝަމް އިނީ ސައިކަލުގެ ފަހަތުގަ އެވެ. އަދި އެ ސައިކަލު ދުއްވަން އިން ސ. މަރަދޫ، ހިރުނދުގަސްދޮށުގޭ ހުސެއިން އަނަސްގެ ދެފައި ވަނީ ބިނދިފަ އެވެ. އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

އެ ހާދިސަގައި މަރުވި އަރުޝަމްއަކީ އޭނާގެ ބޭބެއާއެކު މަހަށް ގޮސް ކުޑަ ދުވަސްކޮޅަކަށް އައްޑޫގައި މަޑު ކުރި ކުއްޖެކެވެ. އޭނާ މަރުވި އިރު ދިޔައީ އާ އަހަރަށް ސްކޫލަށް ދާން އެއްޗެހި ތައްޔާރު ކުރަމުންނެވެ.