ކުޅިވަރު

ބަންބުޗް ޔުނައިޓަޑް ވިކްޓަރީއަށް

މިދިޔަ ސީޒަންގެ ފަހުބައިގައި ޓީސީއަށް ކުޅުނު އަހްމަދު ސުހައިލް (ބަންބުޗް) އަންނަ ސީޒަންގައި، ޔުނައިޓަޑް ވިކްޓަރީއަށް ކުޅެން އެ ޓީމަށް ސޮއި ކޮށްފި އެވެ.

ބ. އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިޔާއަކީ، މި އަހަރު ސީޒަނަށް، އެހެން ޓީމަކުން ޔުނައިޓަޑް ވިކްޓަރީއަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. ބަންބުޗް، މިދިޔަ އަހަރު ޓީސީ އަށް ބަދަލުވީ ނިއުގައި ހުރުމަށްފަހު އެވެ. އޭނާ ސީނިއާ ކެރިއާ ފެށީ 2014 ވަނަ އަހަރު ނިއު އިންނެވެ.

މި ސީޒަންގައި ވެސް، ޔޫވީގެ ކޯޗަކަށް ހުންނާނީ، މިދިޔަ އަހަރުގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވި، މުހައްމަދު ނަޒީހެވެ. އޭނާ އަކީ 2015 ވަނަ އަހަރު ދެ ވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކޮށް ޔޫވީއަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދައިދިން ކޯޗް ވެސް މެއެވެ.

މި އަހަރު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫވީން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، ޓީމުގައި މިހާރުވެސް ތިބި ކުޅުންތެރިންލައްވައި ކޮންޓްރެކްޓް އާ ކުރުވުމެވެ. އެގޮތުން ކެޕްޓަން، ހުސައިން ޝިމާޒު (ކޮކީ)، ފޯވަޑް އަބްދުލް ވާހިދު އިބްރާހިމް (ވާޑް) އަދި ޓީމުގެ މެދުތެރޭގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ، ނާވީ މުހައްމަދު ވެސް ވަނީ ޔޫވީގެ ކޮންޓްރެކްޓް އަ ކޮށްފަ އެވެ.

ޔޫވީ، ފުރަތަމަ ޑިވިޝަންގައި، ވަދަ ކުރަން ފެށީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ދިވެހި ލީގްގެ ގަދަ ހަތަރަކުން އެ ޓީމު ވަނީ ޖާގަ ހޯދާފަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު (މިދިޔަ އަހަރު) އެ ޓީމަށް އެ ޖާދޫ ތަކުރާރު ނުކުރެވުނެވެ. އޭރު ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) ވެސް އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދިނެވެ. ނަޒީހްއާ ޔޫވީ ހަވާލުވީ ކުރީ، އާތީ އިސްތިއުފާ ދިނުމުންނެވެ.

ޔުނައިޓަޑް ވިކްޓަރީ އުފެދުނުތާ 44 އަހަރު ވީ ނަމަވެސް އެ ޓީމަށް ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ކުޅިވަރުގައި އެއްވެސް ކާމިޔާބެއް ލިބިފަ އެއް ނުވެ އެވެ. ޔޫވީ އުފެއްދީ، މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް، ކުޅުންތެރިން އުފައްދާ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ވިކްޓަރީ އާއި ޔޫވީއާ މިހާރު އެއްވެސް ގުޅުމެއް ނެތްތަން ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ވެއްޖެ އެވެ.