އެމެރިކާ

ކިސަޑު ފައިބައިގެން އެމެރިކާގައި 13 މީހުން މަރުވެއްޖެ

އެމެެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ކިސަޑު ފޭބުމުގެ ސަބަބުން 13 މީހުން މަރުވެ 163 މީހުން ޒަހަމްވެއްޖެ އެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ކެލިފޯނިއާގެ ސަންޓާ ބާބަރާ ނަމަކަށް ކިޔާ ޝަހަރުގެ ކައިރީގައިވާ ރޮމީރޯ ކެންޔަން ނަމަކަށް ކިޔާ އަވަށުގައި ކިސަޑު ފޭބުމުގެ ސަބަބުން ބަންދުވެފައި އަދިވެސް 300 މީހުން އެބަތި ކަމަށެވެ.

ކިސަޑު ފައިބާފައިވާ ސަރަހައްދުގެ ހާލަތު ސިފަ ކުރަމުން ކެލިފޯނިއާ ފުލުހުން ބުނީ އެ ސަރަހައްްދު ހީވަނީ "ފުރަތަމަ ބޮޑުހަނގުރާމައިގެ މަންޒަރެއް ހެން" ކަމަށެވެ. ހާދިސާތައް ހިނގި ގޮތް ސިފަ ކޮށްދެމުން ބީބީސީގެ ނޫސްވެރިޔާ ބުނެފައި ވަނީ ފަރުބަދަތަކުގެ މަތިން ކާރުތަކާ އެއްްވަރުގެ ހިލަގަނޑުގަނޑު މަގަށް ފޭބި ކަަމަށާއި މަގުތައް ބަންދުވީ އެހެންވެ ކަމަށެވެ.

ކެލިފޯނިއާގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެެހި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު ޖަންގަލިތަކުގައި ރޯވި ބޮޑެތި އަލިފާންގަނޑުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައި ވަނިކޮށެވެ. ކިސަޑު ފޭބުމުގެ ސަބަބުން އެ ސަރަހައްދުގެ އައްސޭރިފަށުގެ މަގުތަކުގެ ތެރެއިން 30 މޭލުގެ ސަރަހައްދެއް ވަނީ ބަަންދުވެފަ އެވެ.

ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ގެއްލިފައި ވެސް ވެއެވެ. ނަމަވެސް ގެއްލުނީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.

ކިސަޑު ފޭބުމުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ލިބުނު ގެތައް ހުރީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ބެލެވިގެން މީހުން ހުސްކުރި ސަރަހައްދުން ބޭރުގައެވެ. -- ބީބީސީ