ކުޅިވަރު

ކުޅޭނެ ކުލަބެއް ނުނިންމާ މަޝްހޫރު ކުޅުންތެރިން

ކުރިއަށް އޮތް ސިޒަނަށް ތައްޔާރު ވުމަށް ޓީމުތަކުން މިހާރު އެންމެ ބޮޑަށް ކުރަމުންދާ ކަމަކީ އާ ސީޒަނަށް ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތެވެ. މަޝްހޫރު ވިކްޓަރީ އާއި ކުލަބު ވެލެންސިއާ ފިޔަވައި ހުރިހާ ކުލަބެއްގެ ޓްރާންސްފާގެ ޚަބަރުތައް ވެސް މީޑިއާއިން ދަނީ ތިލަ ކުރަމުންނެވެ.

ނަމަވެސް މަޝްހުރު ބައެއް ކުޅުންތެރިންގެ ޓްރާންސްފާ އާ މެދު އަދިވެސް ވަކި ގޮތެއް ނުނިމެ އެވެ. ކުލަބުތަކުން އެ ކުޅުންތެރިންނާ ވާހަކަ ދައްކަމުންދާ ކަމުގެ "ރޫމާސް" ފެތުރެމުން ދިޔަ ނަމަވެސް އެކުޅުންތެރިންނާ ބެހޭގޮތުން ސައްހަ ތައްގަނޑު ޖެހިގެން އަންނަ ޚަބަރެއް ނެތެވެ.

ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކުޅުންތެރިންގެ ވާހަކަ ތެކެވެ. މިއީ އެންމެ ބޮޑު ޓްރާންސްފާގެ އެއްބަސްވުން ތަކަށްވެސް ވުން އެކަށީގެން ވެއެވެ.

މި ލިސްޓްގެ އެންމެ ފުރަތަމަ ނަމަކީ، މިޑްފީލްޑާ، އިސްމާއީލް އީސާ (މެސީ) އެވެ. މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުމަށްފަހު، ދެން އޭނާ ބަދަލުވީ މާޒިޔާ އަށެވެ. ކުރިއަށް އޮތް ސީޒަނަށް އޭނާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މެސީގެ ނަމަށް ނިސްބަތްކޮށް އޭނާ އަށް ނަން ހަރުކުރީ، ވިކްޓަރީގެ ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އެވެ. އިސްމާއީލް ކެރިއާ ފެށީ، މާއްޓޭގެ އިރުޝާދުގެ ދަށުން ވިކްޓަރީންނެވެ. ވިކްޓަރީ އާއި ނިއުރޭޑިއަންޓް ކުޅުނު މެޗެއްގައި، ވިކްޓަރީ މެޗުން ބަލިވާން ދަނިކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި، އީސަ ކުޅުވަން އަރުވަމުން މާއްޓޭ ދިން އިރުޝާދު މިއޮތީ "މިއަދު ކަލޭއަކީ މެސީ، މެސީ ކޮށްޓާލާހެން ނައްޓާލަފައި ތޮރުފާލާފައި އޭރިއާ ތެރެއަށް ވަދެގެން ދާށެ." މާއްޓޭ ބުންޏެވެ.

މާއްޓޭ ދިން އިރުޝާދު އީސްމާއިލް ވަރަށް ރަނގަޅަށް ބޭނުން ހިފި އެވެ. ޒުވާން، އިސްމާއީލް ނިއުގެ ޑިފެންޑަރުންގެ ކައރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެގެން ދިޔަ އެވެ، އެންމެ ފަހުން އޭނާ ހުއްޓުވުމަށްޓަަކައި ނިއު އަށް ޖެހުނީ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރާށެވެ. އެ މެޗު ވިކްޓަރީ އަށް 2-1 ކާމިޔާބު ކޮށްދިނުމުގައި އިސްމާއިލް މުހިންމު ދައުރެއް އަދާ ކުރި އެވެ. އޭގެފަހުން ގަލޮޅު ދަނޑުގައި އޭނާ މަޝްހުރުވީ މެސީގެ ނަމުންނެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔަކަށް ވާނީ، މިޑްފީލްޑާ އަހްމަދު ނިޔާޒު (ނިޔާ) އެވެ. އިންޓަ ސްކޫލުގައި މާޖީދިއްޔާ ސުކޫލުން ފާހަގަ ވުމަށް ފަހު އޭނާ ސްކޫލް ނިމުނު ތަނުން، ނިއު ލެގޫންސަށް ސޮއި ކުރި އެވެ. އޭނާގެ ކެރިއަރުގައި އެންމެ ބޮޑަށް ފާހަގަވީ، ނިއު ރޭޑިއަންޓްގައެވެ. މިދިޔަ އަހަރު ވިކްޓަރީ އާއި ގދ. ތިނަދޫ އަށް ކުޅުނު މީޑްފީލްޑަރު ވަނީ އެ ދެ ޓީމުގައި ފާހަގަ ކުރެވޭ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފުރަތަމަ ޑިވިޝަންގައި، މި އަހަރުވެސް ބިދޭސީ ކީޕަރުން ގިނަ ވާނެ ކަމަށް ގަބޫލު ކުރެވެއެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި، ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ވެސް، ކުޅޭނެ ވަކި ޓީމެއް ރަސްމީކޮށް ނިންމާފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ގެންދަން ވިކްޓަރީން ވެސް މަސައްކަތް ކުރެ އެވެ.

މި ލިސްޓްގައި، ތަޖުރިބާކާރު މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) ވެސް ހިމެނެއެވެ. ކުލަބު ވެލެންސިއާ ކެރިއާ ފެށި ކުޅުންތެރިޔާ އެންމެ ފުރަތަމަ ކުޅުނީ ފޯވަޑަކަށެވެ. މިދިޔަ ތިން އަހަރު، އޭނާ ހުރީ މާޒިޔާގައެވެ. މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާ ވުމުން، އަޑޭ ވަނީ ފޯވަޑެއްގެ ރޯލުވެސް އަދާ ކޮށްފަ އެވެ. އަދި އޭނާގެ ހިއްސާ ވެގެން މުހިންމު މެޗުތަކުގައި މާޒިޔާ މޮޅު ކޮށްދީފައި ވެސް ވެއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ގިނައިން ކުޅުންތެރިން އުފައްދާ ދެ ރަށުގެ ތެރެއިން، އެއް ރަށަކަށް ވަނީ ބ. އޭދަފުއްޓެވެ. އޭދަފުށީ ކުޅުންތެރިންގެ ތެރެއިން، މިހާރު ގަލޮޅު ދަނޑުގައި ކުޅެމުންދާ އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔަކީ، މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ. އޭނާ އަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އޭރު އޭނާ ކުޅުނީ މިޑްފީލްޑަށެވެ. އޭރު ޓީމުގައި ހިމެނުނު ޑިފެންޑަރުން ކަމަށްވާ، ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އާއި މުހައްމަދު ޖަމީލު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، ކުޑައްޓޭ ޑިފެންޑަރަކަށް ބަދަލު ވިއެވެ. އެއަށްފަހު ގައުމީ ޓީމުގެ ޑިފެންސަށްވެސް އޭނާ ހެޔޮވަރެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ މުހައްމަދު އާރިފް (ބަކާ) ކެރިއާ ފެށީ، އައްޑޫ ވިޔަފާރިވެރިން އުފެއްދި، އައިލެންޑް ފުޓްބޯޅަ ކުލަބު (އައިއެފްސީ) ންނެވެ. މާއްޓޭ އައިއެފްސީގެ ކޯޗް ކަމާ ހަވާލުވެ، އެ ޓީމަށް ބަކާ ގެނެ އެވެ. ކުރިން ވިކްޓަރީއަށް ކުޅުނު ހުނަރުވެރި ބިދޭސީ ކުޅުންތެރިޔާ ބަކާގެ ނަމަށް ނިސްބަތްކޮށް އާރިފް އަށް ބަކާ ގެ ނަން ދިނީވެސް މާއްޓޭ އެވެ. ވިކްޓަރީއަށް ކުޅުނު ބަކާ އަކީވެސް ފިޒިކަލީ ވަރުގަދަ ކުޅުންތެރިޔެކެވެ. ރާއްޖޭގެ ބަކާ އަކީ ރާއްޖޭގައި އުފެދުނު މޮޅު ޑިފެންސިވް މިޑްފީލްޑަރުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކުޅުންތެރިޔާ އެވެ. ކުރިއަށް އޮތް ސީޒަނަށް އޭނާ ސޮއި ހޯދުމަށް، ކުލަބު އީގަލްސް އާއި ވިކްޓަރީން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އަހްމަދު ޝާފިއު (ޝާފީ) އަކީވެސް، އޭދަފުށިން އުފެއްދި ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު ވެލެންސިއާ އާއި ގްރީން ސްޓްރީޓަށް ކުޅުނު ޑިފެންޑަރާ ބެހޭގޮތުން، ގްރީން ސްޓްރީޓްގައި ޝާފީ އަށް އިރުޝާދު ދިން ސޮބާ ބުނީ، ޝާފީ އަކީ ގަލަޅު ދަނޑުން މިހާރު ފެންނާނެ، މަސައްކަތުގެ ރޭޓް އަދި ޑިސިޕްލިން އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ. އަދި ޓީމުގެ ފަހަތުގައި ހުރެގެން ލީޑަރެއްގެ ރޯލްވެސް ޝާފީ އަދާ ކުރާ ކަމަށް، ސޮބާ ބުންޏެވެ. ޝަފީ އަކީ ގައުމީ ޓީމުގެ އެއް ވައިސް ކެޕްޓަންވެސް މެއެވެ.