އީގަލްސް

ކްލަބް އީގަލްސްގެ ކޯޗުކަމަށް މޯހަން

Jan 11, 2018

ކްލަބް އީގަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވެއްޖެ އެވެ.

އީގަލްސް ޓީމަށް ވޭދުވެދިޔަ އަހަރުތަކުގައި ކޯޗު ކޮށްދިން އިހުސާން އަބްދުލްގަނީ (ސާންތީ) އެޓީމު މިދިޔަ ސީޒަނުގެ ދިވެހި ލީގަށް ކޮލިފައިނުވުމާއެކު ފެނިގެންދިޔައީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވިތަނެވެ.
އަދި މިހާރު ސާންތީ އަކީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރެވެ.

މިދިޔަ ސީޒަނުގައި ދ. ކުޑަހުވަދޫއަށް މިނިވަން 50 ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން މޯހަން ވަނީ ދިވެހި ލީގުގައިވެސް ޒުވާން ކުޑަހުވަދޫ ޓީމު ގޮވައިގެން ނިކުމެ ވާދަކޮށްފަ އެވެ. ކުޑަހުވަދޫ އާއެކު ހޭދަކުރި ދުވަސްތަކަކީ ކޯޗެއްގެ ގޮތުގައި ކުރި އެންމެ ބުރަ މަސައްކަތުގެ ގޮތުގައިވެސް މޯހަން ވަނީ ސިފަކޮށްފަ އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މޯހަން ވަނީ 2008 އަހަރު ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ކޯޗު ޖޯސެފް ޔަންކޭޒް އާއެކު މަސައްކަތް ކޮށްފަ އެވެ.

އެއަށްފަހު 2012 ވަނަ އަހަރު މޯހަން ވަނީ ބައްޕަގެ ކްލަބް ނިއު ރޭޑިއަންޓަށް ދިވެހި ލީގު އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ނިއުގެ އިތުރުން މޯހަން ވަނީ ކްލަބް ވެލެންސިއާ އަށްވެސް އިރުޝާދުދީފަ އެވެ.

އާސީޒަނަށް ތައްޔާރުވުމަށް އީގަލްސް ޓީމަށް ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަންގެ އިތުރުން ބިދޭސީ އިތުރު ތިން ކުޅުންތެރިން ގުޅޭނެ އެވެ. އާސީޒަނަށް އިގަލްސް ނިކުންނަ އިރު ކެޕްޓަން އަދި އެއްވަނަ މިޑްފިލްޑަރު އިމްރާން ނަޝީދު ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. މީގެއިތުރުން ޑިފެންޑަރު މުޖްތާޒް މުހައްމަދު ވަނީ މާޒިޔާއަށް ބަދަލުވެފަ އެވެ.

މިސީޒަނަށް ތައްޓެއް ކާމިޔާބުކުރަން ޓާގެޓް ކޮށްގެން ނިކުންނަ އީގަލްސްއަށް ފާއިތުވެދިޔަ އަހަރުތަކުގައި ކުޅުނު ގިނަ ކުޅުންތެރިން މިއަހަރުވެސް އެޓީމަށް ކުޅޭނެ އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ފޯވާޑް ރިޒްވާން، މިޑްފިލްޑަރު މުބީން އަދި ޑިފެންޑަރު ނޫމާން ހިމެނެ އެވެ.